ދަރުމަވެރިކަމުގެ މާތް މަތިވެރި ސިފައިން ޒީނަތްތެރިވުމަކީ މިއަދު މިޖީލުގެ ޒުވާނުން ކޮންމެހެންވެސް އަޒުމް އާކުރަންޖެހޭ ކަމެއް ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެެއެވެ.
ބައިނަލްއަޤްވާމީގޮތުން މިއަދު ފާހަގަކުރަމުންދާ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި މިނިސްޓަރ ޢިމްރާން ވިދާޅުވީ،ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ސިފައަކީ ދިވެހި ކާބަފައިންގެ ކިބައިން އަޅުގަނޑުމެންނާއި ހަމައަށް ވާރުތަވެފައިވާ ވަރަށް ރީތި މަތިވެރި ދިވެހި ސިފައެއްކަމަށެވެ. އަދި މި މާތް މަތިވެރި ސިފަ އަށަގެންނެވުމަށް މި ޖީލުގެ ހުރިހާ ލޮބުވެތި ޒުވާނުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ދަރުމަވެރިކަމުގެ ރޫޙުއާލާކޮށް ދިރުވުމަށްޓަކާ މުޖުތަމަޢުގެ ހުރިހާ ބައިވެރިން އެކަމުގައި އެކަތިގަނޑެއްގެގޮތުގައި މަސައްކަތް ކުރުމަކީ ދިވެހިރާއްޖެ އުފާވެރި އަމާން އައްސޭރިއަކަށް ވާސިލުވުމަށް މުހިއްމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދަރުމަވެރިއެއްގެގޮތުގައި ކޮންމެ ދުވަހަކު ތިމާގެ އަމިއްލަ އެދުމުން އެއްކިބާވެ މުޖުތަމައުގެ އުފަލަށްޓަކާ ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ، ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އަމިއްލަ ނަފްޞަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއްކަމަށެވެ. އަދި އެއީ މުޖުތަމަޢުގެ ބަދަހިކަމާއި އުފާފާގަތިކަމާއި އޯގާވެރިކަން އިތުރުކޮށްދޭނެކަމެއްގެގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ