އެކިއެކި ހުކުމްތަކުގައި ޖަލަށް ލާފައިވާ ތިބޭ މީހުންގެ ދިފާޢުގައި ވަކާލާތު ކުރުމަށް ޤާނޫނީ ވަކީލުން ހަމަޖައްސައިރު، އެމީހެއްގެ ކިބައިން ބަދަލު ހިފުމުގެ ރޫހު ހުރި މީހަކު ދިފާއީ ވަކީލަކަށް ހަމަޖެއްސުމަކީ ބުއްދިވެރިކަމެއްތޯ ބުނެ ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްގެ މުހިއްމު ސުވާލެއް ކުރިމަތި ކުރުވައިފިއެވެ.
އެއްވެސް މީހެއްގެ ނަން ބޭނުން ނުކޮށް ޑރ.މައުސޫމް މިސުވާލު ކުރިމަތި ކުރުވާފައިވާއިރު ރައީސް ޔާމީންގެ ޤާނޫނީ ވަކީލަކަށް އެމަނިކުފާނުގެ ވެރިކަމުގައި ނައިބް ރައީސްގެ މަޤާމު ފުރުއްވަމުން ދަނިކޮށް މަޤާމުން ވަކިކުރެއްވި ޑރ.މުހައްމަދު ޖަމީލް އަހުމަދު ދަނީ ހަރަކާތްތެރި ވަމުންނެވެ. ނައިބް ރައީސް ކަމުގެ މަޤާމުން ޖަމީލް ވަކިކޮށްފައިވަނީ މަޖިލީހުގައި އިތުބާރު ނެތްކަމުގެ މައްސަލައެއް ނަގައިގެންނެވެ. ޖަމީލު ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ނަގަން މަސައްކަތް ފެށުމާއިއެކު ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އަދި ރައީސް ޔާމީން ވެރިކަން ނިމުމާއި ހަމަޔަށްވެސް ޖަމީލް ހުންނެވީ އިނގިރޭސި ވިލާތުގައެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އޭރުގެ އެކުލަވާލެވުނު ކޯލިޝަން އެއްބަސްވުމުގައި 2016 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޑރ.ޖަމީލްވެސް ހިމެނި ވަޑައިގަންނަވައެވެ. ޑރ.ޖަމީލް ވަނީ ރާއްޖެއިން ބޭރުގައި ހުންނަވައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެތައް މެސެޖެއް ރައްޔިތުންނަށް ދެއްވައި، ރައީސް ޔާމީންއަކީ ހުދުމުހުތާރު އަނިޔާވެރި ބޭފުޅެއްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ތިމާގެ ކިބައިން ބަދަލުހިފުމުގެ ވިސްނުމެއް ގެންގުޅެދާނެކަމަށް ބެލެވިދާނެ މީހަކު ތިމާގެ ދިފާއީ މަހާވަކީލު ކަމުގައި ހަމަޖެއްސުމަކީ ބުއްދިވެރިކަމެއްބާ؟ ހިއެއްނުވޭ!
— Abdulla Mausoom (@Mausoom_Maus) December 4, 2020
ރައީސް ޔާމީންގެ ވަކީލަކަށް ޑރ.ޖަމީލް ހަރަކާތްތެރިވާން ފެށުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން ޑރ.ޖަމީލަށް އަމާޒުވިއެވެ. އަދި ޖަމީލް މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ ރައީސް ޔާމީނަށް އިހުލާސްތެރި މަސައްކަތެއް ކޮށްދެއްވުމުގެ ބަދަލުގައި 2023 ވަނަ އަހަރުގެ އިދިކޮޅުގެ ރިޔާސީ ޓިކެޓް ހޯދުމަށް ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ