ޖުމްހޫރީ މައިދާނުގައި އިހްތިޖާޖް ކުރައްވަނިކޮށް ހައްޔަރު ކުރި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ފަސް ބޭފުޅަކު މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޖުމްހޫރީ މައިދާނަށް ވަޑައިގެން އެތަނުގައި އިށީންނަވައި އިޖުތިޖާޖް ކުރައްވައިފައެވެ. އެބޭފުޅުންގެ މައިގަނޑު ޝަކުވާއަކަށްވީ ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީއަތް ނުހިނގުމެވެ.
ޕީޕީއެމުން ވަނީ އެ ފަސް ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން ޖެހޭ ގަޑިތައް ދީފައެވެ.
– މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް). – ހެނދުނު 10:00 އަށް
– ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް – ހެނދުނު 11:00 އަށް
– ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު – މެންދުރު 12:00 އަށް
– ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް – މެންދުރު 13:00 އަށް
– ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު – ހަވީރު 16:00 އަށް
މާފަންނު ޕޮލިސް ސްޓޭޝަނަށް މި ފަސް ބޭފުޅުން މިއަދު އެކި ވަގުތުތަކުގައި ހާޒިރުވާން އަންގާ މިހާރު ވަނީ ޗިޓް ފޮނުވާފައެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގައިވާ ގޮތުން ގްރީން ޒޯނަކީ އެއްވުން މަނާ ސަރަހައްދެކެވެ.
އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ހައިކޯޓުގައި އޮތް ރައީސް ޔަމީންގެ އިސްތިއުނާފް މައްސަލަ މަޑުޖައްސުވާފައި އޮތީ ބަޔަކު ގަސްދު ގައެވެ. މައްސަލަ މިވަގުތަށް މަޑުޖެހިފައިވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.
ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖައްސައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވެއެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކެއް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. މިހުކުމް ހައިކޯޓުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.