ފަސް މީހުން ދޫކޮށްލީ ބަންދުގައި ބައިތިބަންޖެހޭ ޤާނޫނީ ހަމައެއް ދައުލަތަށް ނުދެއްކުމުން: ޝަމީމް

ފަސް މީހުން ދޫކޮށްލީ ބަންދުގައި ބައިތިބަންޖެހޭ ޤާނޫނީ ހަމައެއް ދައުލަތަށް ނުދެއްކުމުން: ޝަމީމް

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2020 08:48
0

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ފަސް މީހުން ދޫކޮށްލާފައިވަނީ 5 ގަޑިއިރަށް ދިގު ދެމިގެންދިޔަ ޝަރީއަތުގެ މަޖިލިސްގައި އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ޤާނޫނީ ހަމައެއް ދައުލަތަށް ނުދެއްކުމުން ކަމުގައި ޤާނޫނީ ވަކީލް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު، ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިޔަ ނުވަ ވަނަ ފަހަރު ކްރިމިނަލް ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ. އެ މީހުން ދޫކޮށްލީ އެ މީހުން ދޫކޮށްލިޔަސް މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެއެވެ.

މިމީހުން ދޫކޮށްލާފައިވާ ސަބަބު ތަފްސީލް ކޮށްދެއްވަމުން ޤާނޫނީ ވަކީލް އާދަމް ޝަމީމް ވިދާޅުވީ މި ފަސްމީހުން ބަންދުން ދޫކޮށްލީ އިއްޔެ އިރުއޮއްސި 6 އިން ރޭގަނޑު 11:30 ވަންދެން ދިގުދެމިގެން ދިޔަ މުއްދަތު މަޖިލީހުގައި އެމީހުން ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ހަމައެއް ދައުލަތަށް ނުދެއްކުމުންކަމަށެވެ.

މަސްތުވާކެތީގެ ބޮޑުންނާއި، އެކި ނެޓްވޯތްކުގައި ހިމެނޭ މީހުން ދޫވަމުންދާއިރު ގިނަބައެއްގެ ފާޑިކުޔުން ވަނީ މިމައްސަލަތަކަށް އަމާޒުވެފައެވެ. ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތުވެސް ވަނީ ދާދިފަހުން ދޫކޮށްލާފައެވެ.

24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމްކުރި ހ. އެވާޕީސް، ސޮފްވަތު ދޫކޮށްލާފައިވަނީ މިދިޔަ ޖުލައި 29 ގައެވެ. މަގުމަތީ އަގު 100 މިލިއަން ރުފިޔާ އަށް އަރާ އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މާޗު، 2014 ގައެވެ. އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި އެ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ފުލުހުން ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގިއެވެ. އެ އެއްޗެހި އަތުލައިގަތީ އެ ތަކެތި ފޮރުވާފައި ހުރި ޑިންގީ، ދޯންޏެއްގައި މާލެ ގެނެސް، ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވައެވެ.

އެއީ އޭރު ރާއްޖޭގައި އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.