އިންފްލުއެންޒާ ޖެހިގެން ތިން ކުޑަކުދިން އެޑްމިޓްކޮށްފި

އިންފްލުއެންޒާ ޖެހިގެން ތިން ކުޑަކުދިން އެޑްމިޓްކޮށްފި

Author
އަޒްފާ ރަޝީދު
23 ޖުލައި 2023 07:28
0

އިންފްލުއެންޒާ ޖެހިގެން ތިން ކުޑަކުދިން އެޑްމިޓްކޮށްފައި ވާކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރު، ޑރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް ވިދާޅުވީ އިންފްލުއެންޒާއިން ރައްކާތެރިވެ ތިބުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ވެކްސިން ޖެހުން ހިމެނޭ ކަމަށެވެ.

އިންފްލުއެންޒާއަކީ، އިންފްލުއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށް ޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔެކެވެ.

އިންފްލުއެންޒާ އަކީ މޫސުމަށް އަަންނަ ބަދަލުތަކާއެކު ފެތުރޭ އާދައިގެ ރޯގާއާ ހިލާފަށް، އޭގެ ނުރައްކަލާއި ވޭން ބޮޑު ރޯގާ އެކެވެ. އަދި މިކަމުގެ ސަބަބުން މީހުންގެ ހާލަތު ސީރިއަސް ފުރާނައަށް ނުރައްކާވާ ހިސާބަށް ދެ އެވެ.

އިންފްލުއެންޒާ ފެތުރެނީ ބަލި ޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ވައިގެ ތެރެއަށްދާ އިންފްލުއެންޒާ ޖަރާސީމު އެހެން މީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ. ޖަރާސީމު ހަރުލާފައިވާ ނުވަތަ އެކުލެވިފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށް ފަހު އަނގަޔާއި ނޭފަތުގައި އަތް ލުމުންވެސް މި ބަލި ގަޔަށް އަރާނެ އެވެ.

އާންމުކޮށް އިންފްލުއެންޒާ ޖެހެނީ މާބަނޑު މީހުން، ފަސް އަހަރުން ދަށުގެ ކުޑަކުދިން، ފުއްޕާމޭގެ މައްސަލަ ހުންނަ މީހުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ސައިބޯނި ލައިގެން އަތް ދޮވުން
  • މީހުން ގިނައިން އުޅޭ ތަންތަނަށް ދިއުން މަދުކުރުން
  • އިންފްލުއެންޒާ ވެކްސިން ޖެހުން

އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ނޭފަތުން ފެން އައުން، ގައިން ވަރުދެރަވެ، ބޮލުގައި ރިއްސާ، ގައިގަ އާއި ކަރުގަ ރިއްސުމުގެ އިތުރުން ކެއްސުން ހިމެނެ އެވެ. ޑޮކްޓަރުން ލަފާދޭ ގޮތުގައި ތިން ދުވަސް ވަސްދެން މި އަލާމާތްތައް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ.

އިންފްލުއެންޒާ ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ބަލި ޖެހިފައިވާ ނުވަތަ ރަނގަޅުވާ މީހުންގެ ތެރެއިން ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފަރާތުންނެވެ. އާންމު ގޮތެއްގައި މި ބަލި ފެތުރޭނީ ބަލި ޖެހުމަށް ފަހު އެއް ދުވަސް ފަހުން، ފަސް ދުވަހާއި ހަތް ދުވަހާއި ދޭތެރޭގައި އެވެ. އެކަމަކު ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ގައިން އެއަށް ވުރެ ގިނަ ދުވަސް ފަހުންވެސް ބަލި އެރުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.