ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުމާ އެއްގޮތަށް ހިލްޓަން ކުންފުންޏަށް ފައިސާ ނުދައްކާތީ ސިންގަޕޫރުގައި ހިފެހެއްޓި ދިވެހި ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު މިރޭ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
އާބިޓްރޭޝަންގެ ހުކުމާ އެއްގޮތަށް މޯލްޑިވްސް ޑެވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު ސިޔާމްގެ ކުންފުނިން ފައިސާ ދައްކާފައި ނުވާތީ, އެ ނިންމުން ތަންފީޒުކޮށް ދިނުމަށް ހިލްޓަންއިން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ރާއްޖެ ގަޑިން 08:00 ގައި ސިންގަޕޫރުގެ ހައިކޯޓުގައި ވަނީ ބާއްވާފައެވެ.
މި އަޑުއެހުމުގައި އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސަންއަށް އަންގާފައިވާކަންވަނީ ޔަގީން ކުރެވިފައެވެ. ސިޔާމް އަދި އޭނާގެ ކުންފުނި ތަމްސީލުކުރީ އެ ގައުމުގެ ޑްރޫ އެންޑް ނެޕިއާ ލޯފާމުންނެވެ.
މި މައްސަލާގެ އަޑުއެހުމެއް މި މަހުގެ 17 ގައި ވެސް ސިންގަޕޫރުގެ ހައިކޯޓުގައި ކުރިއަށްދިޔައެވެ. އެ އަޑުއެހުމަށް ސިޔާމް ސިންގަޕޫރަށް ދިއުމާއެކު އެ ގައުމުން ފުރުން މަނާކުރި ކަމަށް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.
ސިޔާމްގެ ޕާޓީ އެމްޑީއޭއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ ސިޔާމް މިރޭ ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
ސިޔާމް ފުރުން މަނާކުރީ ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހުއެވެ. އޭނާ އެ ގައުމަށް ވަޑައިގަތީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުތަކުގައި ވެސް މިދިޔަ ހަފުތާގައި އުޅުއްވުމަށް ފަހުއެވެ.
ސިޔާމްގެ ސަން ޓްރެވަލްސްގެ މައްޗަށް އާބިޓްރޭޝަނުން ކުރިން އަންގާފައިވަނީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށެވެ. އެގޮތަށް އެންގީ ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.
ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ސިޔާމްގެ ދިފާއުގައި ސިންގަޕޫރަށް ސިޓީއެއް ވެސް ފޮނުވައިފައެވެ.
ކޮމެންޓު ފޮނުވާ