ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މޮޅަދުއާއި، އުލިގަމުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް އިފްތިތާހު ކޮށްދެއްވައިފިއެވެ.
މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރި ބަނދަރު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެރަށުގެ ބަނދަރު ސަރަޙައްދުގައި އެކަމަށްޓަކައި ޙާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ. މި ހުޅުއްވައިދެއްވި ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެއެވެ.
ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ހަވީރު އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިއަދު ހުޅުވި އިންޖީނުގެއަކީ މޮޅަދޫގައި ކުރިން ހުރި އިންޖީނުގެއަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތުގައި ކުރިން މަސައްކަތް ކުރުމަށް 4 މުވައްޒަފުންނަށް ތިބެވޭއިރު މިހާރު 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެއެވެ.
އުލިގަމު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައި ވަނީ ސްޓެޓިކް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
އުލިގަމު ފެނަކަ އޮފީސް އިމާރާތާއި އައު އިންޖީނުގެއަކީ ޖާގަތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެކެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައ އިމާރާތްކޮށްފައިވާ އެރަށުގެ އައު އިންޖީނުގެއިން މިހާރު 458 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.