ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފޭހުގައި އިމާރާތްކުރަމުންދާ 4،000 ހައުސިންގ ޔުނިޓް ހަވާލުކުރުން ލަސްވަމުންދާ މައްސަލައާ ގުޅިގެން އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވާއިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އަމާން އުދަރެސް އަދި އަމާން ދޯދި ޕްރޮޖެކްޓަށް އިންޑިއާއިން ނަގާފައިވާ ލޯނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު 23.4 މިލިއަން ރުފިޔާ ރިޕޭމެންޓްގެ ގޮތުގައި ދައްކަމުންދާކަމަށް ކުޑޫގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ނިމިފައިވާ 744 ފްލެޓާއި ކޮމާޝަލް އޭރިއާއިން މަހަކު ދައުލަތަށް 10.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭއިރު، އެފްޑީސީން މުސާރައާއި ޚަރަދުތަކަށް މަހަކު 3.2 މިލިއަން ރުފިޔާ ޚަރަދުކުރަމުންދާކަން އެ ކުންފުނިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މިހާތަނަށް ނިމިފައިވާ ފްލެޓުތަކުގެ ހައްޤުވެރިން އެކަށައެޅި، އެގްރިމެންޓް ކުރެވި އަދި އެލޮކޭޓް ކުރެވިފައިވީ ނަމަވެސް، ސަރުކާރުން މިހާރު ބަލަމުންދާ ކަމަކާ ގުޅިގެން ފްލެޓުތައް ހަވާލުނުކުރެވި ދިގުލައިގެން ގޮސްފައިވާކަމަށާއި، މިކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ކުއްޔާއި ފީތައް ނުލިބި ވާކަން ފާހަގަކުރައްވާފައިވެއެވެ.
"ގެދޮރުވެރިޔާ" މަޝްރޫޢުގެ ދަށުން 4،000 ފްލެޓު އެޅުމުގެ މަސައްކަތް 2021 ވަނަ އަހަރު އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކުރެވުނެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރު އިމާރާތްކުރެވޭއިރު، އޭގެތެރެއިން އަމާން އުދަރެސްގެ 16 ޓަވަރުގެ މަސައްކަތް ކުރަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިން ކަމަށާއި، އަމާން ދޯދީގެ 16 ޓަވަރު އަޅަމުންދަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. މީގެ ތެރެއިން އަމާން އުދަރެސްގެ ހަތަރު ޓަވަރުގެ 504 ފްލެޓާއި އަމާން ދޯދީގެ ދެ ޓަވަރުގެ 240 ފްލެޓުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފައިވާކަމަށް މިދިޔަ ނޮވެމްބަރު މަހު އެފްޑީސީން ބުނެފައިވެއެވެ.