މޯލްޑިވިއަންއިން އެކުންފުނީގެ ދަތުރުތައް އިތުރަށް ފުޅާކުރުމުގެ ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ތައިލޭންޑުގެ ވެރިރަށް ބެންކޮކާއި މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރަށް ދަތުރުތައް ފެށުމަށްޓަކައި އެ ދެ ގައުމުގައި އެކުންފުނީގެ އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް އިއުލާން ކޮށްފިއެވެ. މިފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މިއީ އެކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނެސްފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. މިހާރު އެކުންފުނިން ވަނީ ޗައިނާގެ ތިން ސިޓީ ކަމުގައިވާ ޗެންޑޫ، ބެއިޖިންގ އަދި ޝަންހާއީއަށް ދަތުރުތައް ފަށައި، އެދަތުރުތަކަށް ފަތުރުވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި، ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ.
ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމުގައިވާއިރު، މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނެސް ޚިދުމަތް އިތުރަށް ފުޅާކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މޯލްޑިވިއަނުން ދަނީ ވައިޑް-ބޮޑީ މަތިންދާ ބޯޓާއެކު ޔޫރަޕަށްވެސް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންނެވެ.