މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުގެ ބޮޑު ޢައުލަބިއްޔަތެއް އޮތީ ރައީސް ޞާލިހާއި އެކުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ރައީސް ޞާލިހުގެ ވ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުތައް ނިންމަވާލެއްވުމަށް ވ.އަތޮޅު ފުލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޞާލިހު ވަނީ ކެމްޕެއިންގައި މިހާތަނަށް ށ.އަތޮޅަށާއި، ވ.އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އަދި ކ.އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.
އިމްރާން ވިދާޅުވީ ވާދަވެރި ފަރާތްތަކުން އަދި އުޅެނީ ވާދަކޮށްލާނެ ކެނޑިޑޭޓަކު ނުދެއްކިކަން ކަމަށެވެ. ނަމަވެސް ރައީސް ޞާލިހު މިހާރުވެސް އުޅުއްވަނީ ރިޔާސީ ރޭހުގެ މާކުރީގައިކަމަށެވެ. އިމްރާން ވިދާޅުވީ ރައީސް ޞާލިހުގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނާއިއެކު ރައްޔިތުންގެ ހިއްސާ އޮންނަ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ. އަދި މިހާރުވެސް ވެރިކަން ކުރައްވަމުންދަނީ ރައްޔިތުންގެ ބޮޑު ޢައުލަބިއްޔެއް ދިން ކޯލިޝަނާއިއެކުގައި ކަމަށެވެ.
2018 ގައި އުފެއްދި ކޯލިޝަންގެ ތެރެއިން މިއިންތިޚާބުގައި ވާދަ ކުރެއްވުމަށް ބައެއް ކޯލިޝަން ޕާޓްނަރުން ނިންމި ނަމަވެސް އެޕާޓީތަކުގެ ގިނަ މެމްބަރުންގެ ތައީދު އޮތީ ރައީސް ޞާލިހާއި އެކުގައި ކަމަށް އިމްރާން ވިދާޅުވިއެވެ. އިންތިޚާބުގައި ވާދަކުރައްވަން ނިންމި ނަމަވެސް އަދި މިހާތަނަށްވެސް އެބޭފުޅުން ކޯލިޝަންގައި ގެންގުޅުއްވަނީ ރައީސް ޞާލިހުގެ އޯގާތެރި ކަމުގެ ސަބަބުން ކަމަށް އިމްރާން ވިދާޅުވިއެވެ.
މިއަދު ކޯލިޝަންގައި ތިބި ބޭފުޅުން ގެންގުޅެނީ ރައީސްގެ އޯގާތެރި ކަމުން. ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުން ވާދަކުރިޔަސް ބޮޑުބައި އޮތީ ރައީސް ޞާލިހާއިއެކު. އަޅުގަނޑަށް ފެންނަނީ ކުރިއަށް އޮތް ތަނުގައި އެބޭފުޅުންގެ ޚިޔާލްވެސް އަޅުގަނޑުމެންނާއި އެއްގޮތްވާތަން.
– އިމްރާން ވިދާޅުވިއެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވަނީ ޖުމްހޫރީ ޕާޓީންނެވެ. އެމްއާރުއެމްއިން އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ނުކުރި ނަމަވެސް ރައީސް ޞާލިހަށް ތާއީދު ކުރާނެކަން ހާމަކޮށްފައި ނުވެއެވެ. މި ދެޕާޓީންވެސް ރައީސަށް ތާއީދު ނުކުރާކަން ހާމަކުރި ހިސާބުން، އެޕާޓީތަކަށް ނިސްބަތްވާ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވަނީ ރައީސް ޞާލިހަށް ތާއީދު ކުރިކަން ހާމަކޮށްފައެވެ.
އިމްރާން ވިދާޅުވީ ރައީސް ޞާލިހަކީ ޚިޔާލް ތަފާތުވުމާއި، ވިސްނުން ތަފާތު ވިޔަސް އެކީގައި ވެރިކަން ކުރަން އެނގިވަޑައި ގަންނަވާ ކެތްތެރި ވެރިއެއް ކަމަށެވެ. އަދި އެއްވެސް ރައްޔިތަކު ބާކީ ނުކުރާ އޯގާތެރި ރައީސެއްކަން ދިވެހި ކޮންމެ ރައްޔިތަކަށް މި ފަސް އަހަރުގައި ސާބިތު ވެފައިވާނެކަމަށް އިމްރާން ވިދާޅުވިއެވެ.