ފުލުހުންގެ ބިލަކީ މީގެކުރިން ދުވަހަކުވެސް ހޯދިފައިނުވާ ހެޔޮބަދަލު ގެނުވާނެ ޤާނޫނެއް: އެމްޑީޕީ

ފުލުހުންގެ ބިލަކީ މީގެކުރިން ދުވަހަކުވެސް ހޯދިފައިނުވާ ހެޔޮބަދަލު ގެނުވާނެ ޤާނޫނެއް: އެމްޑީޕީ

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2020 01:32
0

ފުލުހުންގެ ޤާނޫނަކީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ޤާނޫނެއްކަމަށް ސަރުކާރު ހިންގައި މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތު އުފެދިފައިވާ ފުލުހުންގެ ބިލާއި ގުޅޭގޮތުން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެ ބިލު ފާސްކޮށް ޤާނޫނަކަށްވެ ތަންފީޒުކުރެވުމުން، ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަޞައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ޤާނޫނެއްކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާޢީ ޢަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއަކަށް ފުލުހުންގެ މުއައްސަސާ ވާއިރު، އެ މަތިވެރި ޚިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ޚިދުމަތަކަށް ވާންޖެހޭކަމަށެވެ. އަދި އެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެގެން މަސައްކަތްކުރާ ތަނަކަށް އެތަން ވާންޖެހޭކަމަށެވެ. މި ޤާނޫނު ތަންފީޒުވެގެންދާއިރު އެކަން ޙާޞިލުވެގެންދާނެކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މި ޤާނޫނުގެ ޒަރިއްޔާއިން ކަށަވަރުކޮށްދެވޭނެ އަނެއްކަމަކީ، ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތްދިނުމާއި، ކޮމިޔުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް އެ ޚިދުމަތް ދިނުން. އަދި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަން ދުސްތޫރީ ހަމަތަކާއި، ޤާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރެވިގެން ފޯރުކޮށްދިނުން. އަދި ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް ބޭނުންވާ ޤާނޫނީ ޙައިޞިއްޔަތާއި ބާރާއި ވަސީލަތްތައް ފުލުހުންނަށް ލިބިގެންދިއުން.

– އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ފުލުހުންނަށް ތައުލީމާއި ތަމްރީނު ދިނުމާއި، ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަ ކަމުގެ މައްޗަށް އެ ފުރުސަތުތައް ލިބޭނޭހެން މި ޤާނޫނުން ބައްޓަންކޮށްދޭއިރު، ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެ މަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންތައްތަކެއްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލަކީ، ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާ އެކު މަޝްވަރާކުރެވިގެން، އަދި ޢާންމުންގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ދިރާސާކޮށް ފުރިހަމަކޮށްފައިވާ ބިލެކެވެ. އަދި މިއީ އެމް.ޑީ.ޕީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ޤާނޫނެއްކަމަށެވެ. މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ޤާނޫނެއްކަމަށް އެމްޑީޕީނެ ބުނެއެވެ.

އެމްޑީޕީން ފުލުހުންގެ ބިލާއި ގުޅޭގޮތުން ބަޔާނެއް ނެރެފައިވާއިރު، ބިލުގެ ކޮމިޓީ މަރުހަލާގައި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބިލަށް ހުށަހެޅުއްވި އެއްވެސް އިސްލާހެއް ކޮމިޓީން ބަލައި ގެންފައި ނުވެއެވެ. އަދި ފުލުހުންނަށް ހަތިޔާރު ދިނުމަށް ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ދެކޮޅު ހެއްދެވި ނަމަވެސް ކޮމެޓީން ބިލު ފާސްކޮށްފައިވަނީ އެބާރު ފުލުހުންނަށް ދިނުމަށެވެ. މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާގައި މިބިލު މަޖިލީހުން ފާސްކުރާނެކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.