ތޫފާން "ބުރެވި": ކުރިއަށް އޮތް 24 ގަޑިއިރު 45 މޭލަށް ވައިދަގަވެ، މޫސުން ގޯސްވާނެ

ތޫފާން "ބުރެވި": ކުރިއަށް އޮތް 24 ގަޑިއިރު 45 މޭލަށް ވައިދަގަވެ، މޫސުން ގޯސްވާނެ

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2020 01:18
0

"ބުރެވި" ތޫފާނުގެ ދުވެލި މަޑުވެ، ބާރު ދަށްވެ، ވެއިތުވެދިޔަ 3 ގަޑިއިރުތެރޭގައި، ބާރުގަދަ ކޮޅިގަނޑަކަށް ބަދަލު ވެފައިވާތީ ކުރިއަށް އޮތް24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވަނީ ސްރީލަންކާގެ ގަލްފް އޮފް މަންނާރު ސަރަޙައްދުގައި އިން "ބުރެވި" ތޫފާނުގެ ދުވެލި މަޑުވެ، ބާރު ދަށްވެ، ވެއިތުވެދިޔަ 3 ގަޑިއިރުތެރޭގައި ވަނީ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލު ވެފައިވާކަމަށެވެ. އަދި ހއ.ކެލާއިން ފެށިގެން ގާތްގަނޑަކަށް 642 ކިލޯމީޓަރު ދުރުގައިވާ މިކޮޅިގަނޑު، ލަފާކުރެވޭ ގޮތުގައި ކުރިއަށްއޮތް 6 ގަޑިއިރުތެރޭގަ މަޑުމަޑުން ހުޅަނގު ހުޅަނގުދެކުނަށްޖެހި، އިންޑިއާގެ ރާމަނަތަޕޫރަމާއި ތޫތުކުޑި ހިމެނޭ ސަރަޙައްދު ހުރަސްކުރާނެކަމަށް ބެލެވޭކަމަށެވެ.

އަދި ކުރިއަށް އޮތް 12 ގަޑިއިރުތެރޭގައި ކޮޅިގަނޑުގެ ބާރު އިތުރަށް ދަށްވާނެ ކަމަށްވެސް ލަފާ ކުރެވެއެވެ. ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ދަނީ އިތުރަށް ބާރު ގަދަ ވަމުންކަމަށެވެ. މިކޮޅިގަނޑު ދަތުރު ކުރަމުންދާނީ ދެކުނު ހުޅަނގުދެކުނަށް، ރާއްޖެއާ ދުރަށްކަމަށް މެޓް އޮފީހުން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށާއި، ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. މިވަގުތު ތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.