ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުމުގެ މުއާމަލާތް ހުއްޓުވުމަށް އެންގި އެންގުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބާތިލުކޮށްފިއެވެ.
ވިހި މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ މުއާމަލާތް އޭސީސީން ހުއްޓުވީ ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކަމަށް ބުނެއެވެ. އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި އޮތީ އަމިއްލަ މީހެއްގެ ނަމުގައެވެ. އެކަމަކު އެ މުއާމަލާތް މަޑުޖައްސާލުމަށް ޓޫރިޒަމް މިނިސްޓްރީއަށް އެންގި އެންގުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގައެވެ. އެ މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ވާވެއްދި ފަޅުގެ އިތުރުން ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ހިމެނެއެވެ.
ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ވިލާ އިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.
ވާވެއްދި ފަޅު ވިއްކުން ހުއްޓުވުމާ ގުޅިގެން ގާސިމް މީގެކުރިން ވިދާޅުވީ ކޮވިޑް-19 އާ އެކު ކުރިމަތިވި ނިކަމެތިކަމާ ގުޅިގެން ކުންފުނީގެ ހާލަތު ވަރަށް ބޮޑަށް ދަށްވި ކަމަށެވެ. ވިލާ ކުންފުނީގެ ދަށުން މަސައްކަތް ކުރާ 5،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު، ސަރުކާރަށް ފައިސާތައް ދައްކަމުން އައިސް އަދިވެސް 12 ވަރަކަށް މިލިއަން ޑޮލަރު ދައްކަން އެބަހުރި ކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަށް ވެސް 3.5 މިލިއަން ޑޮލަރު އަރާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ