ޢާއިލާއާއިެއެކު މެސީ އެމެރިކާއަށް

ޢާއިލާއާއިެއެކު މެސީ އެމެރިކާއަށް

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2023 11:57
0

ޗުއްޓީ ނިންމައި، ޢާއިލާއާއިއެކު އާޖެންޓީނާގެ ތަރި ލިއޮނަސް މެސީ އެމެރިކާއަށް ބަދަލުވެއްޖެއެވެ.

މެސީ އެމެރިކާއަށް މި ބަދަލުވީ، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި އެމެރިކާގެ އިންޓަ މިޔާމީއަށް ކުޅުމަށެވެ. އިންޓަ މިޔާމީގެ ކުޅުންތެރިއެއްގެ ގޮތުގައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ، މި ހަފްތާގައި ދައްކާލަން އެ ކްލަބުން އަންނަނީ ތައްޔާރުވަމުންނެވެ.

މެސީ، އެމެރިކާގެ ފްލޮރިޑާގެ ޕްރައިވެޓް އެއާޕޯޓަކަށް ދިޔައީ ޕްރައިވެޓް ޖެޓެއްގައެވެ. އިންޓަ މިޔާމީގެ ދަނޑާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ޕްރައިވެޓް އެއާޕޯޓާކަށް މެސީ ދަތުރުކުރި ބޯޓް ޖައްސައި، އާއިލާއާއެކު ބޯޓުން ފައިބައިގެންދިޔަ މަންޒަރުތައްވަނީ އާޖެންޓީނާގެ ޓީވީއަކުން ދައްކާފައެވެ. މިޔާމީއަށް ކުޅެން މެސީ އެއްބަސްވެފައިވީނަމަވެސް އެ ކްލަބަށް މެސީ އަދި ސޮއެއް ނުކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ހަފްތާ ތެރޭ މެސީ އެ ކްލަބަށް ސޮއިކުރާނެއެވެ.

އިންޓަ މިޔާމީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ދައްކާލުމަށް ރާވާފައިވާ ހަރަކާތަށް ދީފައިވާ ނަމަކީ، "ދަ އަންވެއިލް" އެވެ. މާދަމާ ބާއްވަން ރާވާފައިވާ މި ހަރަކާތާ ގުޅޭ ގޮތުން އެ ކްލަބުން އާއްމު ކުރި ސްޓޭޓްމަންޓްގައި މެސީގެ ނަން ގެނެސްފައި ނުވިނަމަވެސް މި ހަރަކާތަކީ މެސީ، ފުރަތަމަ ފަހަރަށް އިންޓަ މަޔާމީގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޓަ މަޔާމީއަށް މެސީ ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މި މަހުގެ 21 ވަނަ ދުވަހު، މެކްސިކޯގެ ކްލަބަކާ ދެކޮޅަށް ކުޅޭ މެޗެވެ. މިއީ އެމެރިކާ ލީގު އަދި މެކްސިކޯ ލީގުގެ ޓޮޕް ޓީމުތަކުގެ މެދުގައި ކުޅެވޭ ލީގްސް ކަޕްގެ މެޗެކެވެ.

މެސީ ވަނީ އޭނާ މިދިޔަ ދެސީޒަންގައި ކުޅުން ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީއާ މިފަހަރުގެ ސީޒަން ނިމުމުން ވަކިވެފައެވެ. އެއާއެކު މެސީ ހޯދުމަށް ބައެއް ކްލަބްތަކުން މަސައްކަތް ކުރިއެވެ. އޭގެތެރެއިން އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ކްލަބަކަށް ވެގެންދިޔައީ އޭނާގެ ހަޔާތުގެ ބޮޑު ބައި ހޭދަކުރި ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސެލޯނާއެވެ. ނަމަވެސް ފައިނޭންޝިއަލް ފެއަރ ޕްލޭގެ ސަބަބުން ބާސާއަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އެޓީމަށް މެސީ ގެންދެވޭގޮތެއް ނުވިއެވެ.

މީގެއިތުރުން ޔޫރަޕްގެ އިތުރު އެއް ކްލަބާއި ސައުދީ އަރަބިއާއިން ވަނީ މެސީއަށް ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައެވެ. ނަމަވެސް މެސީ ހާމަކުރިގޮތުގައި އޭނާ މިހާރު ވަނީ ޔޫރަޕް ދޫކޮށްދާން ނިންމާފައެވެ. އެގޮތުން އޭނާ ގެންދިއުމަށް ޔޫރަޕްގެ އެހެން ކްލަބަކުން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، އޭނާ ޔޫރަޕްގައި މަޑުކުރާނަމަ ބޭނުންވީ ބާސެލޯނާއަށް ބަދަލުވާން ކަމަށާއި، އެކަން ވާގޮތް ނުވުމުން ޔޫރަޕްގެ އެހެން ކްލަބަކަށް ދާން ބޭނުން ނުވީ ކަމަށް މެސީ ވަނީ ބުނެފައެވެ.

މެސީ ބުނީ މިހާރު ވޯލްޑް ކަޕް ކާމިޔާބު ކުރެވި ބާސާއަށް ދެވޭގޮތް ނުވުމުން، އެމްއެލްއެސްއަށް ބަދަލުވާން ނިންމީ ކަމަށެވެ. އަދި މިހާރު ބެނުންވަނީ ތަންކޮޅެއް ހަމަޖެހިގެން ދިރިއުޅުމަށް އިސްކަން ދީގެން ފުޓްބޯޅަ ކުޅުމަށް ކަމަށްވެސް ވަނީ ބުނެފައެވެ. މިހެން ބުނި ކަމުގައިވީ ނަމަވެސް އަދިވެސް ކުޅެނީ ޒިންމާދާރުކަމާއެކު ކާމިޔާބީ ހޯދަންކަމަށްވެސް އޭނާ ބުންޏެވެ.

މެސީ ހާމަކުރިގޮތުގައި އަލުން ބާރސާއަށް ދިއުމަށް ވަރަށް ބޮޑަށް ޝައުގުވެރިވި ކަމަށާއި ނަމަވެސް ފަހުން ފަހަރު ވީގޮތަށް ބަލައި، އެ ހިތްދަތިކަން އިހުސާސް ކުރަން އިތުރަށް މަޑުކުރަން ބޭނުން ނުވީ ކަމަށެވެ. 2021 ވަނަ އަހަރުވެސް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މެސީ ހުރީ ބާސާއާއެކު އެއްބަސްވުން އާކުރެވި އަލުން ސޮއި ކުރެވޭނެކަމުގެ އުންމިދުގައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެކަން ނުވުމުން އޭނާ އަށް ޖެހުނީ މާޔޫސްކަންމަތީ ޕީއެސްޖީއަށް ސޮއިކުރާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.