ޑްރަގު ޑީލަރުން ޤާނޫނާ ޚިލާފަށް މިނިވަންކުރަނީ ކޮން މަޖްބޫރީއެއް އޮވެގެން؟: ޝަހީމް

ޑްރަގު ޑީލަރުން ޤާނޫނާ ޚިލާފަށް މިނިވަންކުރަނީ ކޮން މަޖްބޫރީއެއް އޮވެގެން؟: ޝަހީމް

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2020 11:05
0

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ހުކުމް ކޮށްފައިވާ ފަރާތްތައް ޤާނޫނާއި ޚިލާފަށް މިނިވަން ކުރަމުންދާ މައްސަލާގައި ޑރ.ޝަހީމްގެ ސުވާލެއް  ސަރުކާރަށް ކުރިމަތި ކުރައްވައިފިއެވެ.

ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލި މައްސަލަ އަށް އިޝާރާތް ކޮށް ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑުންގެ ގޮތުގައި ބެލެވޭ މީހުން ހައްޔަރުކޮށް ހުކުމް ކުރެވިފައިވަނިކޮށް އެމީހުން މިނިވަން ވެގެން ދިއުމަކީ ރައްޔިތުންގެ ކަންބޮޑުުން އިންތިހާއަށް އޮތް ކަމެއްކަމަށެވެ.

މިފަދަ ފަރާތްތަށް ޤާނޫނާއި ޚިލާފަށް މިނިވަންކުރެވޭ ގޮތާއި، ކުރެވުނު ސަބަބު ރައްޔިތުންނަށް ހާމަކޮށްދީ، ޖަވާބުދާރީ ވާންޖެހޭކަމަށް ޑރ.ޝަހީމް ވަނީ ކަރެކްޝަނަލް ސާވިސް ޓެގުކޮށް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައެވެ.

މަސްތުވާތެކެތީގެ ބޮޑެއްގެ ގޮތުގައި ބެލެވޭ މީހަކު ޖަލުން މިނިވަން މުވާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް މިކަމުގައި އަމާޒުވެފައެވެ. އެގޮތުން ޖަލުގައި ތިބި ކުދި ކުށްތައް ކޮށްފައިވާ މީހުންނާއި، ސިޔާސީ އެކިއެކި ސަބަބުތަކާއި ގުޅިގެން ޖަލަށް ލާފައިވާ މީހުން ދޫނުކޮށް މިފަދަ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ މީހުން ދޫކުމަކީ ކަންބޮޑުވާކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމްކުރި ހ. އެވާޕީސް، ސޮފްވަތު ދޫކޮށްލާފައިވަނީ މިދިޔަ ޖުލައި 29 ގައެވެ. މަގުމަތީ އަގު 100 މިލިއަން ރުފިޔާ އަށް އަރާ އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މާޗު، 2014 ގައެވެ. އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި އެ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ފުލުހުން ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގިއެވެ. އެ އެއްޗެހި އަތުލައިގަތީ އެ ތަކެތި ފޮރުވާފައި ހުރި ޑިންގީ، ދޯންޏެއްގައި މާލެ ގެނެސް، ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވައެވެ.

އެއީ އޭރު ރާއްޖޭގައި އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.