ރައީސަކީ 35 މިލިއަން ރުފިޔާ ނަންގަވަން ޖެހޭ ވަރަށްވުރެ ފުދުންތެރި ބޭފުޅެއް: ޢަލީ ވަހީދު

ރައީސަކީ 35 މިލިއަން ރުފިޔާ ނަންގަވަން ޖެހޭ ވަރަށްވުރެ ފުދުންތެރި ބޭފުޅެއް: ޢަލީ ވަހީދު

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2023 07:38
0

ރައީސަކީ 35 މިލިއަން ރުފިޔާ ނަންގަވަން ޖެހޭ މިންވަރަށްވުރެ ފުދުންތެރި ބޭފުޅެއް ކަމުގައި ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލި ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާގެ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ދައުލަތުން ނިމިދިޔަ ޖޫން މަހު 14 ގައި ވަނީ ނިންމައިފައެވެ. ތިން އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އަލީ ވަހީދު ވިދާޅުވީ އެ މައްސަލައިގެ އެއްކޮޅަށް ވެސް އަދި ދެކޮޅަށް ވެސް ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސަށް ލިބިވަޑައިގަތް ކަމަށް އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ތުހުމަތު ކުރެއްވި އެވެ. އެ ދުވަހު އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މާލޭގެ ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުއްލެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ފަހުން އޭގެ ތަފުސީލަށް ވަޑައިގެން، އޭނާ އޭރު ވިދާޅުވެފައިވަނީ އޭގެ ތެރޭގައި ރައީސް ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އޭގެ ވީޑިއޯ ފުލުސް އޮފީހުގައި ވެސް ހުންނާނެ ކަމަށެވެ.

ނަމަވެސް މިއަދު އަލީ ވަހީދު ވިދާޅުވީ ރައީސަކީ 35 މިލިއަން ރުފިޔާ ނަންގަވަން ޖެހޭ މިންވަރަށްވުރެ ފުދުންތެރި ބޭފުޅެއް ކަމަށެވެ.

އެ ދުވަހު އަޅުގަނޑު ދިން ޕްރެސް ކޮންފަރެންސްއާ ހަމައަށް އަޅުގަނޑު ފްރޭމް ކުރި ބަޔަކު ނޭނގޭ. އަޅުގަނޑު އެ ދުވަހު އެ ނޫސް ކޮންފަރެންސް ބޭނުންކުރީ ސްމޯކް ސްކްރީން އަކަށް. ރައީސަށް އަޅުގަނޑު އެ ލަފުޒު އަމާޒުކޮށްލީ ސްމޯކް ސްކްރީންއަކަށް.

– އަލީ ވަހީދު ވިދާޅުވިއެވެ.

ބަޔަކު އޭނާ ފްރޭމްކުރީ ކަމަށް ތުހުމަތުކުރި ނަމަވެސް، އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އެކަމަކު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ޔާމީން އެކަމުގައި ބައިވެރި ނުވާނެކަން ޔަގީން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި އެކަމަކު، އެމަނިކުފާނުގެ އަރިހުގައި އެފަދަ ބަޔަކު އެބަ އުޅޭ ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމްއަކުން ނޫން މިކަމެއް ކުރީ، ޖުމްހޫރީ ޕާޓީއަކުން ވެސް ނޫން މިކަން ކުރީ. އެއީ އަޅުގަނޑަށް ސާފުވާ ކަމެއް، އެކަމަކު އަޅުގަނޑު ހުރީ ސަރުކާރުގައި، ވަރަށް ބުރަކޮށް އަޅުގަނޑު މަސައްކަތްކުރީ. އެޓް އެނީ ކޮސްޓް އަޅުގަނޑު ނިޒާމުން ދުއްވާލަން މީގެ އަޑީގައި ތިބި ބަޔަކު ދިޔައީ މަސައްކަތް ކުރަމުން.

– އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ހުވާ ކުރައްވަން ޖެހިވަޑައިގަތަސް، އިސްލާމީ މަރުކަޒަށް ވަޑައިގަތުމަށް ހުންނެވީ ތައްޔާރަށެވެ. ފްރޭމް ކުރި ބަޔަކު އެކަން ކުރީ އޭނާގެ އާއިލާ އާއި ނޫސްވެރިން ވެސް ނުވައްދާ ގާނޫނުގެ ތެރެއިން މާނަކޮށްގެން މަދުވެގެން 35 އަހަރަށް ޖަލަށްލާން ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ސިޔާސީ ބޭފުޅުންތަކެއް އޭނާ ފްރޭމް ކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަން ނާކާމިޔާބުވުމާ ގުޅިގެން އެބޭފުޅުންގެ ފަހަތުން ވަޑައިގަންނަވަން ބޭނުން ނުވާ ކަމަށެވެ.

ޕީޖީން ކުރިން ބުނެފައި ވަނީ އަލީ ވަހީދުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމީ މައްސަލައިގެ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހްގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވުމާ ގުޅިގެން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.