ލ.އަތޮޅަށް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އުފާވެރި ޚަބަރު!

ލ.އަތޮޅަށް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އުފާވެރި ޚަބަރު!

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2020 09:31
0

އަންނަ އަހަރުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ލ.އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާކަމުގެ އުފާވެރި ޚަބަރު ރައީސް ޞާލިހު ލ.އަތޮޅިގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ލ.ގަމުގެ ތަރައްޤީގެ 3 މަޝްރޫޢޫއެއް އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ތަރައްޤީ ލާމަރުކަޒު ކުރުމުގެ ވަރަށް ގިނަ މަޝްރޫޢުތައް، މިއަންނަ އަހަރުގެ ތެރޭގައިވެސް ލ.އަތޮޅުގައި ކުރިއަށް ގެންދިއުމަށް ޕްލޭންކޮށްފައި ވާކަމަށެވެ. އޭގެ ތެރެއިން، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ބައެއް ކަންތައް ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ.

ލ .ގަމު މުކުރިމަގު ބަނދަރުގެ މަސައްކަތް މިހާރުވާނީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރެވިފަ. ތުނޑި އަވަށުގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓް ކުރެވިފަ. އަދި މިރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޑިޒައިނަށް ބޭނުންވާ ސާރވޭގެ މަސައްކަތްވެސް މިހާރު އޮތީ ނިމިފަ. އަދި މިރަށުގައި ބޯފެނުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު އޮތީ، އެކަމަށް ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކުން ބީލަން ހުށަހެޅުމުގެ މަރުޙަލާގަ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ލ.އަތޮޅުގެ ރަށްތަކުގެ ތެރެއިން، ފެނާއި ނަރުދަމާ ނިޒާމު މިހާތަނަށް ޤާއިމުނުކުރެވި ހުރި ހުރިހާ ރަށެއްގައިވެސް، އެ ޚިދުމަތް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ކާރިސާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ލ. އަތޮޅުގައި ޤާއިމުކުރާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު، ފޮނަދޫގައި ޤާއިމުކުރުމުގެ މަސައްކަތް ވެސް، އަންނަ އަހަރު ފެށޭނެ ކަމުގައި ރައީސް ޞާލިހު ވިދާޅުވިއެވެ.

ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތު އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ. ފޮނަދޫ ޕޮލިސް ސްޓޭޝަން ޢިމާރާތްކުރުމާއި، ފޮނަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ފެށުމަށް މިހާރުވާނީ ބަޖެޓްކުރެވިފަ. އަޅުގަނޑުމެންގެ އަމާޒަކީ، އިޤްތިޞާދީ ހަބެއްގެ ގޮތުގައި، ގަން/ފޮނަދޫ ތަރައްޤީކުރުން. މީގެ އިތުރުން، މި ސަރަޙައްދަކީ ލޯކަލް ޓޫރިޒަމް އެންމެ ރަނގަޅަށް ތަރައްޤީކުރެވޭނެ އެއް ސަރަޙައްދު ކަމަށްވާތީ، އެ ވިސްނުމުގައިވެސް މިއަންނަނީ ކަންތައްތަކެއް ކުރަމުން.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މަސްވެރިންގެ ލުއިފަސޭހައަށްޓަކައި، ލ. މާބައިދޫގައި އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ އިތުރުން، ސައުދީ ފަންޑުގެ އެހީގައި ލ. މާމެންދޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް މިއަންނަ އަހަރު ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. މީގެ އިތުރުންވެސް ލ.އަތޮޅުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތަކެއް މިއަންނަ އަހަރުގެ ބަޖެޓްގައި ހިމެނި އެކަންކަން ތަންފީޒު ވެގެންދާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ވަނީ އިއްޔެ ލ.އަތޮޅުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.