"ވަންގަވް" ޑިޖިޓަލް ސްޓްރެޓިޖީގެ ސަބަބުން ކޮރަޕްޝަން އޮތް ފުރުސަތު ހަނިވާނެ: ރައީސް

"ވަންގަވް" ޑިޖިޓަލް ސްޓްރެޓިޖީގެ ސަބަބުން ކޮރަޕްޝަން އޮތް ފުރުސަތު ހަނިވާނެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
10 ޖުލައި 2023 06:38
0

ޑިޖިޓަލް ސްޓްރެޓިޖީގެ ސަބަބުން ކޮރަޕްޝަންގެ ނޭއްގާނީ ޢަމަލުތަކަށް އޮތް ފުރުޞަތު ވަރަށް ބޮޑަށް ހަނިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ވަންގަވް" އިފްތިތާޙްކުރުމަށް ސަލްޓަންޕާކްގައި ބޭއްވެވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ވަންގަވް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ "ވަންގަވް" ޚިދުމަތާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށެވެ. އެގޮތުން މި ނިޒާމަކީ ޒަމާނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ސަރުކާރުގެ ޚިދުމަތްތައް ލިބޭނެ ވަރަށް ފަސޭހަ ނިޒާމެއްކަމަށާއި، ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގެ އިދާރީ މިވިއުގައަކީ ހުރިހާ ވުޒާރާތަކާއި އެހެން އިދާރާތަކާއި ހުރިހާ ކައުންސިލްތައް ހިމެނޭ ވަރަށް ފުޅާ ވިއުގައެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ޢަދަދު އެތައް ސަތޭކައަކަށް އަރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވަންގަވްއަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުންކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހިން އެދޭ އިޤްތިޞާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑުިތައް ހާސިލްކުރުމަށްޓަކައިވެސް ޑިޖިޓަލް ސަރުކާރެއް ރައްޔިތުންނަށް މިހާރު ކޮންމެހެން ބޭނުންވާކަމަށެވެ. މިސަބަބަށްޓަކައި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި، ސަރުކާރުގެ ޑިޖިޓަލް އެކްޝަން ޕްލޭން އެކުލަވާލައި އެ މަސައްކަތް ފެެއްޓެވިކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ބޭނުމަކީ ސަރުކާރުގެ ޚިދުމަތްތައް ލިބިގަތުމުގައި ރައްޔިތުން އުފުލަމުންއައި ތަކްލީފްތަކަށް ނިމުމެއް ގެނައުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޒަމާނުންފެށިގެން ކަން ހިނގަމުން އައިގޮތަކީ ސަރުކާރުގެ އޮފީހުން ޚިދުމަތެއް ހޯދަން ބޭނުންވެއްޖެނަމަ ކަނޑު ހުރަސްކޮށް ވެރިރަށް މާލެއަށް ދަތުރުކުރަން ޖެހުން. މާލެ އާދެވޭނެ ގޮތެއް ނެތިއްޖާ ޚިދުމަތް ނުހޯދާ ހުރުން. އަދި ޚިދުމަތެއް ހޯދަން އޮފީހަކަށް ދެވުނަސް ގިނަވަގުތު ކިއުގައި މަޑުކުރަންޖެހުން. އެ ހުރިހާ ތަކްލީފެއް އުފުލަންޖެހޭއިރު ބޭނުންވާ ޚިދުމަތާގުޅޭ އެންމެ އެކަށީގެންވާ މަޢުލޫމާތު އެއްތަނަކުން ލިބޭކަަށް ނުހުރޭ. ޚިދުމަތެއް ހޯދުމަށްޓަކައި ފޯމެއް ފުރައި އެތައް ލިޔުމެއް ކަރުދާހަށް ޕްރިންޓްކޮށް ހުށައަޅަން ޖެހުމަކީވެސް ރައްޔިތުން އުފުލަމުން އަންނަ މަޖުބޫރުވީ ޒިންމާއެއް. އެތަކްލީފްތަކަށް އަޅުގަނޑުމެން މިހޯދައިދޭ ހައްލަކީ ވަންގަވް.

– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ އެކި މުއަސަސާތަކާއި ގުޅޭ ނަންބަރުތައް ހޯދައިގެން ގުޅުމުގެ ބަދަލުގައި 1500 މި ނަންބަރަށް އެކަނި ގުޅައިގެން އެ ނިޒާމްގެތެރޭގައި ހުރި އިދާރާތަކުގެ މަޢުލޫމާތު މިހާރު ލިބޭނެކަމަށާއި، ހުރިހާ އިދާރާއެއް މި ނިޒާމުގައި އެކުވެގެން އަންނައިރު އެ ނަންބަރު ވެގެންދާނީ ސަރުކާރުގެ މައި ކޯލް ސެންޓަރަށްކަމަށެވެ. މިއާއެކު ވަންގަވް ލައިވްޗެޓް އަދި ސޯޝަލް މީޑިއާއިން ޚިދުމަތްތަކައި ގުޅޭ މަޢުލުމާތު ހޯދޭނެކަމަށާއި، ޑިޖިޓަލް ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލް ސަރުކާރަކީ ރަސްމީގަޑި ނިމުމުން ދޮރު ބަންދުކޮށް ޚިދުމަތްތައް މެދުކަނޑާލާ ސަރުކާރެއް ނޫން. ހަފްތާގެ 7 ދުވަހު 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތްތަކަށް އެދެވޭނެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ސަރުކާރުގެ ޚިދުމަތްތައް ހޯދުމަށް މަގުފަހިވެގެނެންދާނެ. އަދި ޚިދުމަތްތަކަށް އެދުމަށްފަހު އެޚިދުމަތެއްގެ މަސައްކަތް ގޮސްފައިވާ ހިސާބެއްވެސް ކޮންމެ ތަނެއްގައި ހުރެ ފަސޭހަކަމާއެކު ބަލާލެވޭނެ. މި ނިޒާމްގެ އެންމެ ބޮޑު ފަސޭހައަކީ ޚިދުމަތް ހޯދަން ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތަކަށް ދާން ނުޖެހުން. ނުވަތަ މަޢުލޫމާތު ހޯދަން ގުޅަން ނުޖެހުން.

– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ވަންގަވްގެ ސަޕޯޓް ސެންތަރުތަކެއް ރާއްޖޭގެ 3 ސަރަޙައްދެއްގައި ވަނީ ޤާއިމްކޮށްފައެވެ. އެއީ މާލެސިޓީއާއި އައްޑޫސިޓީއާއި ފުވައްމުލައް ސިޓީދައެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތްތާއި އިތުރު ސަޕޯޓް ސެންތަރުތައް އަތޮޅުތެރޭގެ އެކި ސަރަހައްދުގައި ހުޅުވޭނެކަމަށާއި، އެއީ ޚިދުމަތާއި ގުޅިގެން އެހީތެރިކަން ހޯދަން ބޭނުންވެއްޖެނަމަ ރައްޔިތުންނާއިއި ވީހާވެސް ގާތުން ޚިދުމަތްދީ، ޓެކްނޮލޮޖީއާއި ބީރަށްޓެހި ފަރާތްތަކަށްވެސް ޚިދިމަތް ހޯދަން ފަސޭހަކޮށްދިނުމަށްކަމަށެވެ.

ރައީސް ވަނީ ޑިޖިޓަލް ސްޓްރެޓެޖީގެ ސަބަބުން ކޮރަޕްޝަންގެ ނޭއްގާނީ ޢަމަލުތަކަށް އޮތް ފުރުޞަތު ވަރަށް ބޮޑަށް ހަނިވެގެންދާނެކަންވެސް ފާހަގަކުރައްވާފައެވެ. އަދި ޚިދުމަތްތައް ހޯދުމަށް ކަރުދާސް ބޭނުންކުރާ މިންވަރު މަދުވެ، ޚަރަދުކުޑަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މި ނިޒާމުގެ ތެރެއިން ޒާތީ މަޢުލޫމާތުތަކުގެ ރައްކާތެރިކާތެރިކަން އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކޮންމެ ރައްޔިތަކުވސް އީ-ފާސް ހެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.