ކޯވިޑް ވެކްސިނަކީ ރައީސް ޞާލިހުގެ ހެޔޮފުޅުކަމުން ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ލިބޭ ވެކްސިނެއް ނޫންކަމަށާއި، އެއީ ޔޫރަޕިއަން ޔޫނިއަންއާއި، އެކުވެރި ޤައުމުތަކުގެ ދީލަތި އެހީއާއިއެކު ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭން ނިންމާފައިވާ ވެކްސިނެއް ކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ކޯވިޑް ވެކްސިން ގަންނަން ޖެހިއްޖެނަމަ ވެކްސިން ގަންނަނާނެ ފައިސާއެއް މިގައުމުގެ ވަތްގަނޑަކު ނެތްކަމަށެވެ. މިއަދު ޤައުމުގެ މާލިއްޔާ ހުސްވެ، ރައްޔިތުން މަގުމަތިވެ ބިކަހާލުގައި ޖެހިފައިވާއިރު ސަރުކާރުން ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތްކަމަށެވެ. މިއަދު އެތައް ބަޔަކު މަގުމަތިވެ މީޑިޔާތަކުން އެކަންކަމުގެ ވާހަކަ ދެއްކުމުން ސަރުކާރުން އެފަދަ ފަރާތްތަކަށް އެހީވާގޮތްވެސް ފެންނަމުންދާކަމަށެވެ.
ކޯވިޑް-19 ވެކްސިން ދިވެހި ރައްޔިތުންނަށް ހިލޭ ފޯރުކޮށް ދެއްވާނެކަމަށް ރައީސް ޞާލިހު މިއަދު ވިދާޅުވެ ދެއްކެވި ވާހަކަތަކީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވައި ހަގީގަތް ފޮރުވުމަށް ކުރެއްވި ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. ވެކްސިން ތައްޔާރުވެ ރައްޔިތުންނަށް ދޭންޖެހޭ ހިސާބުން މިޤައުމަށް ވެކްސިން ހިލޭ ފޯރުކޮށްދޭނެކަމުގެ ޔަގީނަކަން ޔޫރަޕިއަން ޔޫނިއަނުންނާއި، އެކުވެރި ޤައުމުތަކުން ޔަގީންކަން ދެއްވުމުން ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުން ހިލޭ ވެކްސިން ދޭނެކަމަށް ވިދާޅުވުމަކީ ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުންކަމަށް ސައީދު ވިދާޅުވިއެވެ.
ޔޫރަޕިއަން ޔޫނިއަންގއާއި އެކުވެރި ގައުމުތަކުން ހިލޭ ދޭން ނިންމާފައިވަނީ ވެކްސިން. އެކުވެރި ޤައުމުތަކުން ވެކްސިން ރާއްޖެއަށް ދެއްވާނެކަމުގެ ޔަގީންކަން އެބަދެއްވާ. ކޮނަބަޔަކަށް އޮޅުވާލަންތޯ މިއުޅެނީ. މިއަދު ކިޔަވައިގެން ތިބި ދިވެހި ރައްޔިތުން އެބަތިބި. މިކަންކަން އެގޭ މިކަންކަން ބަލާ މީހުން އެބަތިބި. ކޯއްޗެއް، ކޮންބަޔަކަށް އޮޅުވާލަންތޯ މިއުޅެނީ.
– ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިއަދު މިޤައުމު އޮތް ހާލަތުން އަރައި ގަތުމަށް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ މަަސައްކަތް އިތުރަށް ވަރުގަދަކޮށް މާފުއްޓަށް ގޮސްގެން ނަމަވެސް ރައީސް ޔާމިން މިނިވަން ކުރަންޖެހޭކަމަށެވެ. ރައީސް ޔާމީން ހުންނެވީ މިއަދުވެސް ރައްޔިތުންގެ ހައްގުގައި ޤައުމަށް ހިދުމަތް ކުރުމަށް ތައްޔާރަށް ކަމަށް ސައީދު ވިދާޅުވިއެވެ.
އެމަނިކުފާނަށް މާދަމާ މިޤައުމު ހިންގަން ފުރުސަތު ލިބުނަސް މިހާރު އޮތް ހާލަތުން ޤައުމު އަމާން އައްސޭރިއަކަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީނަކްނ އެބައޮތްކަމަށް ސައީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ