ކައުންސިލް އިންތިޚާބުގައި ރައީސް ޞާލިހު ބޮޑުތަނުން ފަލީހަތްވާނެ: ޝުޖާ

ކައުންސިލް އިންތިޚާބުގައި ރައީސް ޞާލިހު ބޮޑުތަނުން ފަލީހަތްވާނެ: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 09:12
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބޮޑުތަނުން ފަލީހަތްވެ ދުނިޔެއަށް މިސަރުކާރުގެ ސައިޒު ހާމަވެގެންދާނެކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ މިސަރުކާރު ބޮޑުތަނުން ފަލީހަތްވާނެ އިންތިޚާބް ކަމުގައެވެ. މިއިންތިޚާބް މިހާތަނަށްވެސް ނުބާއްވައި، އިދިކޮޅު ފަރާތްތަކަށް ކެންޕެއިން ކުރާނެ މަގުވެސް ބަންދުކޮށްގެން އުޅެނީ އޮތް ތާއީދު ކުޑަވުމުންކަމަށާއި، ރައްޔިތުން ތިބީ މިސަރުކާރަށް ބޮޑުތަނުން އިންތިޚާބުގައި ނޫނެކޭ ބުނުމަށް ކަމުގައި ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރަނީ ސަރުކާރާއި، އިލެކްޝަން ކޮމިޝަނާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއިވެސް ދެކޮޅަށް ކަމަށެވެ. މިއިންތިޚާބަށް ރައްޔިތުން މިހާރުންފެށިގެންވެސް ފާރަލައި، ނުހަނު ބޮޑު ސަމާލުކަމެއް ދޭންޖެހޭކަމަށް ޝުޖާ ވިދާޅުވިއެވެ. އިންތިޚާބުގައި ކާމިޔާބް ހޯދުމަށް އިދިކޮޅު ފަރާތްތައް ރަށު ބަންދުކޮށް މުޅި ރާއްޖޭގައި ކެންޕެއިން ކުރަމުންދިޔަކަމުގައި ވީނަމަވެސް ނެތް ތާއީދެއް ނުދެއްކޭކަމަށެވެ. އަދި ރައްޔިތުން ތިބީ ވޯޓު ފޮއްޓެއް ބައްޓާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ މިއަދު ރައީސް ޞާލިހު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއި، އެމަނިކުފާނުގެ ވަޒީރުން ދެއްކެވި ވާހަތަކުން މިސަރުކާރަކީ އެއްވެސް ހަމައެއް ލަމައެއް ނެތް ސަރުކާރެއްކަން ދިވެހި ރައްޔިތުންނަށް ހާމަވާކަމަށެވެ. އެއްވަޒީރަކަށް މިސަރުކާރަށް އެއް އަހަރު ނުވާއިރު، އަނެއް ވަޒީރަށް ދޮޅު އަހަރުވެސް ނުވާކަމަށެވެ. މިފަދަ ވަޒީރުން ލައިގެން ސަރުކާރެއް ނުހިންގޭނެކަމަށް ޝުޖާ ވިދާޅުވިއެވެ. ޝުޖާ ވަނީ ރައީސް ޞާލިހު ދެއްކެވި ވާހަކަތަކަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ކޯވިޑް ވެކްސިން ހިލޭ ފޯރުކޮށް ދެއްވާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކީ ދިވެހި ރައްޔިތުންގެ ނުހަނު ސަމާލުވާންޖެހޭ ކަމެއްކަމަށާއި، ވެންޓިލޭޓަރުތަކަށް ވީހެން ވެކްސިނަ ވިޔަނުދޭން ދިވެހި ރައްޔިތުން ފާރަވެރިވާންޖެހޭ ކަމަށް ޝުޖާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.