ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގިކަމަށް ބުނާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޝާލިމުވެފައިވާ މީހުން ހިމެނޭ ހަގީގީ ލިސްޓު މިސަރުކާރަށް އާންމު ކުރަން ނުކެރޭނެ ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނުގެ މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތްއިރު، މިސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވިއްކި އެންމެ ބޮޑު އެއްވައުދަކީވެސް ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް ބެލުމެވެ. ނަމަވެސް މިސަރުކާރަށް ދެ އަހަރު ވެގެންދާއިރުވެސް ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ގޮތަށް ނުބެލި ގިނަބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މިކަމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރަށް އެމްއެމްޕީއާރުސީގެ ހަގީގީ މަންފާ ލިބުނު މީހުންގެ ލިސްޓު އެގުނު ކަމުގައި ވީނަމަވެސް އެލިސްޓު އާންމު ކުރަން ނުކެރޭނެކަމަށެވެ. އަދި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ އިންސާފުވެސް މިސަރުކާރަށް ނުހޯދޭނެކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ހަގީގީ ލިސްޓު ސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ. ގެއްލިފައިވާ ފައިސާތައްވެސް މިސަރުކާރަށް ހޯދައެއް ނުދެވޭނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމަނިކުފާނުގެ އަތްޕުޅުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި 70،000 އަށްވުރެ ގިނަ މެސެޖް ހުރިކަމަށާއި، އެމެސެޖްތައް އާންމު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިމެސެޖްތަކަކީ ހިފަހައްޓައިގެން ތާއަބަދު ހުރުމަށްވުރެ އާންމުންނަށް ދޫކޮށްލާނެ މެސެޖްތަކެއްކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ. އަދި މީގެ ތެރެއިން ބައެއް މެސެޖްތަކުން ވަރަށް ސާފުކޮށް ފައިސާ އަށް ވީގޮތާއި، އެމުއާމަލާތު ހިނގާފައިވާގް އެގޭކަމަށެވެ. މި މެސެޖްތައް އާންމު ކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް މި ދައުރު ނިމި އަހަރު ނިމިގެންދާއިރުވެސް މަޖިލިސް ރައީސް މިކަން ކުރައްވާފައި ނުވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ