ފުއްގިރި މައްސަލާގެ އެންމެފަހުގެ 6 އަޑުއެހުންވެސް ކެންސަލް، ކުރިކު ރިޒާ ބަލިވެ، ޔާމިންގެ ޝަރީއަތް ބުރަކި ޖެހިފައި!

ފުއްގިރި މައްސަލާގެ އެންމެފަހުގެ 6 އަޑުއެހުންވެސް ކެންސަލް، ކުރިކު ރިޒާ ބަލިވެ، ޔާމިންގެ ޝަރީއަތް ބުރަކި ޖެހިފައި!

Author
އަޒްފާ ރަޝީދު
04 ޖުލައި 2023 12:45
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތްތައް އީދު ބަންދަށްފަހު ބާރާށް ކުރިޔަށް ގެންދަން ތާވަލް ކުުރިކަމުގައިވި ނަމަވެސް، އެމައްސަލާގައި ދައުވާލިބޭ ކުރިކް ރިޒާ ބަލިވުމުގެ ސަބަބުން ޝަރީއަތް ކުރިޔަށް ނުގެންދެވި ޝަރީއަތުގެ އަޑުއެކުންތަކަށް ހުއްޓުން އަތުވެއްޖެއެވެ.

މިގޮތުން މިއަދަށް ތާވަލްކުރި އަޑުއެހުންވެސް، ބަލިވެ އުޅޭތީ ކުރިކު ރިޒާއަށް ޝަރީއަތަށް ހާޒިރު ނުވެވޭނަކަން އަންގާފައިވާތީ ޝަރީއަތް ކެންސަލް ކުރީކަމަށް ކުރިމިނަލް ކޯޓުން ވަނި ބުނެފައެވެ. އަދި މިމަހުގެ 2 ވަނަ ދުވަހަށް ތާވަލްކުރި އަޑު އެހުންވެސް ކެންސަލް ކުރަން ޖެހުނީ ކުރިކު ރިޒާ ބަލިވެ އުޅޭކަން ކޯޓަށް އަންގާ ލިޔެކިޔުންތައް ހުށަހަޅާފައިވާތީކަމަށް ކޯޓުން ބުނެފައި ވެއެވެ.

ހަމަ އެއާއެކު އީދު ބަންދުގެ ކުރިން، މީގެ 2 ހަފްތާ ކުރިން ތާވަލްކުރި އަޑުއެހުންވެސް ކުރިމިނަލް ކޯޓުން އަޑުއެހުން ކެންސަލް ކުރީ ކުރިކުރިޒާ ބަލިވެ އުޅޭކަމަށް ކޯޓަށް އެންގުމާއި ގުޅިގެންނެވެ. އަދި އޭގެ ކުރީ ދުވަހުގެ އަޑުއެހުންވެސް ކުރިކު ރިޒާ ބަލިވެ އުޅޭތީ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

ޔާމިންއާއި ކުރިކު ރިޒާއަށްވެސް އެއް މައްސަލައެއްގައި ދައުވާ ލިބޭ މިމައްސަލައިގެ އަޑުއެހުންތަކަށް ހާޒިރު ނުވެވޭ މިންވަރަށް ދިގުމުއްދަތަކަށް ކުރިކު ރިޒާ ބަލިވެ އުޅެނީ ކޮންކަހަލަ ސިއްހީ މައްސަލައެއްގައި ކަމެއް ސާފު ވެފައެއް ނުވެއެވެ.

އެހެންނަމަވެސް ދަށު ކޯޓުގެ މައްސަލަތައް މާ ބާރަށް ކުރިޔަށް ގެންދާކަމުގެ ޝަކުވާ މީގެކުރިން ޔާމިންގެ ފަރާތުން ކޮށްފައިވާއިރު، ޔާމިންވަނީ ހައިކޯޓުގައި މިހާރު ކުރިޔަށްދާ، ތަންފީޒުކުރަމުންދާ ހުކުމުގެ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތް އަވަސްކޮށްދިނުމަށް އެދިފައެވެ.

ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ދަށު ކޯޓުގެ ޝަރީއަތް ލަސްކޮށް، އަދި ހައިކޯޓުގެ ޝަރީއަތް އަވަސްކުރުމަށް ޔާމިން ބޭނުންފުޅުވަނީ، ހައިކޯޓު މަރުހަލާގައި ހުކުމް ބާތިލް ނިނަސް ނިމުނުގެ ކުރިން ޔާމިނަށް ކާމިޔާބު ކުރެވިއްޖެނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބި، އެ ހާލަތުގައި ދަށު ކޯޓުގައި އޮތް މައްސަލަ މިވަގުތަށް ކުރިޔަށް ނުގެންދެވޭނެތީއެވެ.

ފުއްގިރި މައްސަލާގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމެވެ. އެގޮތުން ދައުލަތުން ހުށަހެޅި ހަ ހެއްކެއްގެ ހެކިބަސް މިހާތަނަށް ވަނީ ނަގާފައެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީޕީ އަބްދުﷲ ޒިޔަތުގެ ހެކިބަސްވެސް ނަގާފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ކުރިއަށްދާއިރު ހައިކޯޓުގައި އަންނަނީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައްވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބުދަ ދުވަހަށް ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކޮށްފައިވަނީ އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.