ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް ވެކްސިން ފޯރުކޮށްދޭނަން: ރައީސް

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް ވެކްސިން ފޯރުކޮށްދޭނަން: ރައީސް

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 06:22
0

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް-19 ގެ ވެކްސިން ފޯރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ދެކޮޅަށް ދުނިޔޭގެ އެކި ޤައުމުތަކުން ކުރައްވާ މަސައްކަތުގެ ތެރެއިން ކޯވިޑް ވެކްސިނެއް ހޯދުމަށް މިހާރު ކުރައްވާ މަސައްކަތުގައި ވެކްސިން ލިބުމާއިއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއްވެސް އަގަކާއި ނުލައި ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ލ.ގަމުގައި މިސަރުކާރުން ތަަރައްޤީކުރި ތިން މަޝްރޫޢުއެއް އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ނިމިގެން މިދަނީ ގޮންޖެހުންބޮޑު އަހަރެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރަކީވެސް އިޤްތިޞާދީ ގޮތުން ގޮންޖެހުން ބޮޑު އަހަރެއް ކަމަށާއި، ނަމަވެސް ރާއްޖޭގެ އިޤްތިޞާދަށް މިހާރު ފެންނަމުންދާ އުންމީދީ މަންޒަރުތަކުން އުންމީދު އާވަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ދެކޮޅަށް މުޅިދުނިޔެ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މިހާރު ކޯވިޑްގެ ބައްޔަށް ވެކްސިނެއް ފެނި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ދަނީ ކުރަމުން. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ އެ ވެކްސިން ފޯރުކޮށް ދިނުން.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޯވިޑް 19 އާއިއެކު ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމުގައި، ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރަށް ބޭނުންވާކަމަށެވެ. އެކަމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށް، ރައްޔިތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން، އިޤްތިޞާދު އަލުން އާރާސްތުކުރުމުގައިވެސް، އެހީތެރިވެދެއްވާނެ ކަމަށް ޔަގީން ކުރައްވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.