މާލޭގެ ގިނަ ރައްޔިތުން މިއަދު ވެސް ދިރިއުޅެމުން އަންނަނީ، އިންސާނަކަށްވީތީ ލިބެންވާ އެތައް އަސާސީ ޙައްޤަކުން މަޙުރޫމް ވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު މިހެން ވިދާޅުވީ ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިންހިއްކުމުގެ ބިޔަ މަޝްރޫޢު ފަށްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިހު ވިދާޅުވީ ސާޅީހަކަށް އަހަރު ފަހުން، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންވެރިޔާ ސްކީމް ހުޅުވައިލީ، މާލޭ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ގޮތެއް ހަދައިދޭން ކަމަށެވެ. އެ މަޝްރޫޢު މުޅިން ފުރިހަމަވާނީ، މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުން، އެ ސަރަޙައްދާއި މާލެއާ ގުޅައިލުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ ގިނަ ރައްޔިތުން މިއަދު ވެސް ދިރިއުޅެމުން އަންނަނީ، އިންސާނަކަށްވީތީ ލިބެންވާ އެތައް އަސާސީ ޙައްޤަކުން މަޙުރޫމް ވެގެން. ސާފު ވައިކޮޅެއް، ދުވާލުގެ ޤުދުރަތީ އަލިކަމެއް ނުލިބި ދިރިއުޅޭ ޢާއިލާތައް މާލޭގައި އެބައުޅޭ. އަދި ތުއްތު ދަރިން ހިތްފަސޭހަކޮށްލަން ނުކުންނާނެ ހުސް ބިންކޮޅެއް ނެތިވެސް، މާލޭ ރައްޔިތުން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަމާޒަކީ، ބިންވެރިޔާ ސްކީމަށް ޝަރުޠު ހަމަވާ އެންމެންނަށް ގޯތި ލިބެންދެން މި ލިސްޓް ދެމެހެއްޓުން ކަމަށެވެ. އަދި އެ ފުރުޞަތު ދިވެހި ރައްޔިތުން ދީފިނަމަ، އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކޮށްވެސް ނިންމާލާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މިހާރުވެސް ގެންދަނީ ގުޅިފަޅާއި ގިރާވަރުން އިތުރަށް ގޯތި ދެވޭނީ ކިހިނެއްތޯ ބަލައި، އެ ޕްލޭން ރާވަމުން ކަމަށެވެ.
ރައީސް ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ މަޝްރޫޢުއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި، މާލޭ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަށް ހައްލު ގެނެސްދޭނެ މަޝްރޫޢޫއެއްކަމަށް ވިދާޅުވިއެވެ. މިއީ މާލެ ސަރަހައްދުގައި ހިންގާ މަޝްރޫޢުއެއް ނަމަވެސް، ރައީސް ސިފަކުރެއްވީ މި މަޝްރޫޢުއަކީ، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ފެތުރިގެންދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢުއެއްގެ ގޮތުގައެވެ. ޚާއްޞަކޮށް މާލެ ސަރަހައްދުގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ