މާލެ ތަރައްގީ ކުރީ ހުރިހާ އަތޮޅެއްގެ ތަރައްގީ ޤުރުބާންކޮށްފަ: އާޒިމާ

މާލެ ތަރައްގީ ކުރީ ހުރިހާ އަތޮޅެއްގެ ތަރައްގީ ޤުރުބާންކޮށްފަ: އާޒިމާ

Author
މުޙައްމަދު ޝަޒައިމް
02 ޖުލައި 2023 01:14
0

ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ ސިޓީ ތަރައްޤީ ކޮށްފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ތަރައްޤީ ޤުރުބާން ކޮށްފައިކަމަށް ކުރީގެ ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ހަދާފައިވާ ހިޔާ ފްލެޓުތަކަށް ކުލި ދައްކަމުންދާއިރު، ހުޅުމާލެގެ އަގުބޮޑެތި ބިންތައް ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރާ އުސޫލުން މަދުބަޔަކަށް ހިލޭ ދޭން ނިންމުމާ ގުޅިގެން ފާޅުކުރަމުންދާ ޝުޢޫރަށް ބިނާކުރައްވައި، ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައެވެ.

އާޒިމާ ފާހަގަ ކުރެއްވި ގޮތުގައި މާލެ ތަރައްގީ ކުރީ އަތޮޅުތަކުގެ ތަރައްގީ ގުރުބާންކޮށްފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެއްވެސް ރައްޔިތަކީ ވަކި ރައްޔިތަކަށްވުރެ މަތީގައި ހުންނަ ރައްޔިތެއް ނޫންކަމަށެވެ. ޤާނޫނު އަސާސީގައިވެސް އެކަން ކަށަވަރު ކޮށްދީފައިވަނީ ހަމަހަމަ ކަމާއިއެކު އެންމެނާއިމެދު އަމަލު ކުރުމަށް ކަމަށް އާޒިމާ ވިދާޅުވިއެވެ.

ތަފާތުކުރުންތައް އިތުރުވާނަމަ މާލެއާއި އަތޮޅު ތެރޭގެ ފަރަގު އިތުރަށް ބޮޑުވެގެން ދާނެ. ރާއްޖޭގެ އެއްވެސް ރައްޔިތަކީ އެހެން ރައްޔިތަކަށް ވުރެ މާ މަތީ މީހެއް ނޫން.

– އާޒިމާ ވިދާޅުވިއެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ 19857 އެބަ ތިއްބެވެ. އޭގެތެރެއިން 10314 މީހަކަށް ގޯތިލިބޭކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ އެހެން މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި، ގިރާވަރު ފަޅު ހިއްކައިގެންނެވެ.

މާލޭ ސަރަހައްދުން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ނިންމުމުން، ސަރުކާރުގެ ފްލެޓްތަކުގައި ކުލި ދައްކައިގެން އުޅޭ މީހުން ދަނީ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.