ބަޖެޓުގައި މަޝްރޫޢޫތައް ހިމަނާފައިވަނީ އިޤްތިޞާދީ ހެޔޮ ބަދަލު އަންނާނެ ކަމުގެ އުންމީދާއެކު: ރައީސް

ބަޖެޓުގައި މަޝްރޫޢޫތައް ހިމަނާފައިވަނީ އިޤްތިޞާދީ ހެޔޮ ބަދަލު އަންނާނެ ކަމުގެ އުންމީދާއެކު: ރައީސް

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 06:06
0

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރައްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިމަނާފައިވަނީ ކުރިއަށް އޮތް އަހަރު ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ އުންމީދާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ލ.އަތޮޅުގެ ތަރައްޤީގެ ތިން މަޝްރޫޢުއެއް އިފްތިތާޚް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހުގެ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޓޫރިޒަމްގެ ޞިނާޢަތު، ކޯވިޑް-19ގެ ސަބަބުން މުޅިން ހުއްޓުމަކަށް އައިސް، އެތައް މަހެއް ހޭދަވުމަށް ފަހު، މިއަދު ޓޫރިޒަމަށް ދިރުން އަންނަކަމުގެ ނިޝާންތައް މިހާރު ފެންނަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ޓޫރިސްޓް ސީޒަނަކީ، އުންމީދީ ދުވަސްތަކެއް ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ ކަމަށެވެ.

ކޯވިޑްގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން މި ކުރެވުނު ތަޖުރިބާގެ އަލީގައި، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އިޤްތިޞާދު ސިންދަފާތު ކުރުމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގައި މިހާރަށް ވުރެ ބޮޑު ޙިއްޞާއެއް ވެވޭނެ ޞިނާޢަތެއްކަން ޔަޤީން ކުރައްވާކަމަށާއި، ހަމައެގޮތަށް ދަނޑުވެރިކަމަކީވެސް، ޚާއްޞަ ސަމާލުކަމެއްދީ، މިހާރަށް ވުރެ މާބޮޑަށް ކުރިއެރުވޭނެ ޞިނާޢަތެއްކަން ހާމަވަމުންދާކަމަށެވެ.

އަންނަ އަހަރަށް މަޖިލީހުން ފާސްކުރި، 34.9 ބިލިއަން ރުފިޔާގެ ބަޖެޓްގައި، މި ދެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ވާނީ ހިމަނާފައި. ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން އުފެއްދި އެގްރޯ ނޭޝަނަލް ކޯޕްރޭޝަންގެ މިސަރަޙައްދުގެ މަރުކަޒު، ފޮނަދޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެށޭނެ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

މިހާރު ޤައުމަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމުގައި، ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރަށް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުން އަރައިގަތުމަށް އެކަމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށް، ރައްޔިތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން، އިޤްތިޞާދު އަލުން އާރާސްތުކުރުމުގައިވެސް، އެހީތެރިވެދެއްވާނެ ކަމަށް ޔަޤީންކުރައްވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.