ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް، މީގެ ދެ އަހަރު ކުރިން ފެށި މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މިއަދު ހާމަވެގެން ގޮސްފައިވާކަމށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްޤީކޮށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޞަލިހު ވިދާޅުވީ މި ފެށޭ ސީޓީ ސްކޭންގެ ޚިދުމަތަކީ، މި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރުކުރެވެނު މުހިންމު ޚިދުމަތެއް ކަމަށެވެ. މީގެ ސަބަބުން މި ޚިދުމަތް ހޯދަން މާލެއަށް ނުގޮސް، ރަށުގައި ތިބެގެން ނުވަތަ މިއަތޮޅުން، ޚިދުމަތް ހޯދުމުގެ ފުރުޞަތު މިވަނީ މިސަރަޙައްދުގެ ރައްޔިތުންނަށް ފަހިކޮށްދެވިފައިވާކަމަށެވެ.
އޭގެ އިތުރުން، އޯ.ޕީ.ޑީއަށް އިތުރުކުރި ކޮޓަރިތައްވެސް މިހާރު އެހުރީ ނިމި ބޭނުންކުރަން ތައްޔާރުވެފައި. ޑިޖިޓަލް އެކްސްރޭ އާއި މެމޮގްރާމާއި ދަތުގެ ފަރުވާއަށާއި ފިޒިއޯތެރަޕީއަށް ބޭނުންވާ ސާމާނާއި ލެބޯޓެރީ ސާމާނުވެސް މިހާރު އެހުރީ ހޮސްޕިޓަލަށް ގެނެވިފައި. އެ މެޝިންތައް އިންސްޓޯލްކޮށް ވަރަށް އަވަހަށް ޚިދުމަތް ދޭން ފެށޭނެ. އަދި މި ހޮސްޕިޓަލަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ހޯދުމުގެ މަސައްކަތްވެސް މިއަންނަނީ ކުރަމުން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
މިއިން ކޮންމެ ބަދަލަކާ އެކު އުފެދިގެން އެއަންނަނީ ވަޒީފާގެ އެތައް ފުރުޞަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރަމުން ގެންދާދަރިވަރުން، ރަށާއި އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ވަރަށް ތަނަވަސް ފުރުޞަތުތަކެއް އުފެދިގެންދާނެކަމަށެވެ.
ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް، މީގެ ދެ އަހަރު ކުރިން ފެށިގެން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ ފުރަބަންދުކުރަން ޖެހުމުން، ޚިދުމަތްތައް ލާމަރުކަޒު ކުރުމުގެ މުހިންމުކަން ފެނިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން، އޮޅުމެއް ނެތި އެނގިގެން ގޮސްފައިވާކަމަށެވެ.
ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ތަކުލީފަކަށް ނުވެ، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ ގޮތް ހެދުންކަމަށާއި، ގަމު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނޭ، އައު ޢިމާރާތުގެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެޢިމާރާތް ނިމި ޓާޝަރީ ފެންވަރަށް ޚިދުމަތް ދޭން ފެށުމާއެކު، މިޞަރަޙައްދުގެ ޞިއްޙީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ