ނިކަމެތިންނަށް ދޭން ނިންމި ގޯތި ދީފައިވަނީ މާލޭގެ މަހުޖަނުންނަށް: ސިރާޖު

ނިކަމެތިންނަށް ދޭން ނިންމި ގޯތި ދީފައިވަނީ މާލޭގެ މަހުޖަނުންނަށް: ސިރާޖު

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2023 12:54
0

މާލޭގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ނިމި ގޯތިތައް ލިސްޓު ނެރުނުއިރު ލިބިފައިވަނީ މާލޭގެ ގެދޮރު އޮތް ބޮޑެތި މަހުޖަނުންނަށްކަން ހާމަވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ސިރާޖު ހުންނެވި ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލް ތަފާތުވުންތަކުގައި ސިރާޖު އެއްވެސް ފަޅިއަކުން ނުފެނެއެވެ. އަދި މިކަމުގައު ފެންނަނީ ވަރަށް ސައިލެންޓުކޮށް ހުންނަވާތަނެވެ. މަޖިލީހުގެ ރައީސާއި، ނައިބް ރައީސްގެ އިތުބާރު ނެތް މައްސަލާގައިވެސް ސޮއި ނުކުރާ މެމްބަރުންގެ ތެރޭގައި ސިރާޖު ހިމެނެއެވެ.

ގޯތި ލިސްޓަށް ފާޑު ވިދާޅުވެ ސިރާޖު ވިދާޅުވީ ލިސްޓަށް ބަލައި ލުމުން ފެނިގެންދަނީ މާލޭގައި އަތޮޅު ތެރޭގެ ނިކަމެތި ރައްޔިތުންނަށް ބުރުބުރިއަށް ގެ ނަގާފައިވާ މުއްސަދި މަހުޖަނުންނަށް އެގެތަކުން ލިބޭ މަންފާ ކުޑަވެގެން އިތުރު ބޮޑުބިމެެއް ހިލޭ ސަރުކާރުން ދީފައިވާ މަންޒަރުކަމަށެވެ.

ނިކަމެތި މީހާއަށް ގޯތިދޭން ނެރުނު ލިސްޓު ރަނގަޅަށް ބެލީމަ ސާފުވީ އަނބިދަރިންނާއި މައިންބަފައިން ނަމުގައި ބުރިބުރިއަށް ބިޔަ ގެ ނަގައި ރާއްޖެތެރެމީހުންނަށް ކުއްޔަށްދީގެން ތިބި އެތައްމަހުޖަނަކަށް އެމީހުންގެ ބިޔަ އިމާރާތުން އެއާއިލާތަކަށް ނުފުދޭތީ އިތުރު ބިންތައް ކަނޑައެޅިފައިވާކަން.

– ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މާލެއިން ހިލޭ ބިން ދިނުމަކީ އިންސާފު ކުރެވޭނެ ކަމެއް ނޫންމަށެވެ. އޭނާ ވިދާޅުވީ ރާއްޖެ ތެރޭގައި މީހަކު ގެ ހަދަން ފަސޭހައިން ބެންކުން ލޯނު ނުލިބުނަސް މާލޭގައި ގެ ހަދަންވީމާ ބެންކުންވެސް ފަސޭހައިން ލޯނު ހަމަޖެހޭނެ ކަމަށެވެ.

މާލޭ އޭރިއާއިން ހިލޭ ބިން އިންސާފުން ބެހުމަކީ ކުރެވޭނެ ކަމެއްނޫން. ރާއްޖެތެރޭ ރަށްރަށުގައި ގޯތި ހަދަން ބޭންކުން ލޯނު ނުލިބުނަސް މާލެ ސަރަހައްދުން ދޫކުރި ގޯތިތައް ހެދުމަށް ބޭންކުތަކުން ލޯނުވެސް ފަސޭހަކަމާއެކު ދޭނެ. މިތަފާތު ކުރުން ނައްތާލަންޖެހޭ.

– ސިރާޖު ވިދާޅުވިއެވެ.

ގޯތި ލިސްޓަށް ބޮޑެތި ފާޑުކިޔުން އަމާޒު ވެފައިވާއިރު، ސަރުކާރުން ބުނެފައިވަނީ ގޯތި ދީފައިވަނީ އެކަމުގެ ހައްގު ވެރިންނަށް ކަމަށެވެ. ގޯތި ލިބޭ މީހުން ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީން ވިދާޅުވީ، ގޯއްޗަށް އެދި ހުޅުވާލި ފުރުޞަތުގައި 15164 ފޯމް ހުށަހެޅިކަމަށާއި އެއީ 23088 މީހުންކަމަށެވެ. އޭގެތެރެއިން 12794 ފޯމު ޝަރުތު ހަމަވާކަމަށާއި، އޭގެ ތެރޭގައި ޝަރުތު ހަމަވާ 19857 މީހުން ހިމެނޭކަމަށް އެ ކޮމިޓީން ވިދާޅުވިއެވެ. އޭގެތެރެއިން މިފަހަރު ދޫކުރައްވާ 5000 ގޯތި 10314 މީހަކަށް ލިބޭކަމަށްވެސް އެ ކޮމިޓީން ވިދާޅުވެއެވެ.

ކޮމިޓީން ވިދާޅުވީ، ޝަރުތު ހަމަވާ 19857 މީހުންގެ ތެރެއިން މިފަހަރު ގޯތި ނުލިބުނަސް، 9544 މީހަކު ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އަދި އެ ފަރާތްތަކުން އިތުރު މީހަކާއި ނުވަތަ ބަޔަކާއި ގުޅިގެން ފޯމް ހުށަހެޅުއްވުމުން ގޯތި ލިބުމުގެ ފުރުޞަތު ބޮޑުވާނެކަމަށްވެސް ކޮމިޓީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.