ގޯތި ލިސްޓު އޮތްގޮތުން، ވޯޓާސް ލިސްޓަށް ވަރަށް ސަމާލުވާންޖެހޭ: ޝިޔާމް

ގޯތި ލިސްޓު އޮތްގޮތުން، ވޯޓާސް ލިސްޓަށް ވަރަށް ސަމާލުވާންޖެހޭ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2023 12:06
0

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ސަރުކާރުން ދިނުމަށް ނިންމައި ޢާންމުކޮށްފައިވާ ގޯތި ލިސްޓު މިހާރު އޮތް ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ގޯތި ލިސްޓުގައި ހިމަނާފައިވާ ބިދޭސީންގެ މައުލޫމާތު ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ. މީގެ ދެދުވަހެއް ކުރިން ރާއްޖޭގެ ރައްޔިތުކަން ދާދިފަހުން ހޯދި ބިދޭސީއެއްގެ ނަން ލިސްޓުގައި އޮތޮމުން ކޮމެޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވިދާޅުވީ އެއީ އޮޅުމަކުން ވީކަމެއްކަމަށެވެ. އަދި އެކަން ރަނގަޅު ކުރާނެކަމަށެވެ.

ގޯތި ލިސްޓުގައި އޮތް ކަންބޮޑުވުންތަކާއިއެކު ޝިޔާމް ވިދާޅުވީ މިއީ ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. މިލިސްޓުގައި ބިދޭސީން ވަކިން ޚާއްސަކޮށް އިންޑިއާއަށް ނިސްބަތްވާ މީހުންގެ ނަންތައް އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މިލިސްޓު މިހެން އޮތުމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިިވާ ވޯޓާސް ލިސްޓަަށް މާބޮޑަށްވެސް ސަމާލުވާންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިވަރުވީމާ ވޯޓާސް ލިސްޓް އާދަޔާއި ޚިލާފަށް ބަލަންޖެހޭ. މިފަހަރު އިބްރާހިމް މުހައްމަދު ޞާލިހު ހިފާފަ މިހިރީ ދިވެހި ރައްޔިތުންގެ ބައެއް ނެތި ޤައުމުގެ ކަންކަން ނިންމަން. ދިވެހިންނަށް ނުލިބި ބިދޭސީންނަށް ދިވެހި ބިމުން ޚާއްސަކޮށް ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނު ގޮތެއް ބަލަންޖެހޭ.

– ޝިޔާމް ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ޖުމްލަ 551 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ ފާއިތުވެފައެވެ. ދެން އޮންނާނީ ރީ-ރަޖިސްޓްރޭޝަން ހުޅުވާލުމެވެ. އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުއްވާލެއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ޢަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އަޅާބަލާއިރު 128 ފޮށީގެ އިތުރުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.