ތިން ޚިދުމަތެއް ފަށްޓަވައި ދެއްވުމަށް ރައީސް ހައްދުންމައްޗަށް ވަޑައިގެންފި

ތިން ޚިދުމަތެއް ފަށްޓަވައި ދެއްވުމަށް ރައީސް ހައްދުންމައްޗަށް ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2020 02:20
0

ހައްދުންމަތީ ގަމުގައި މިސަރުކާރުން ކުރިއަށްގެންދިޔަ 3 މަޝްރޫޢުއެއް ފަށްޓަވައިދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލ.ގަމަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ފަށްޓަވައިދެއްވާ ޚިދުމަތްތަކުގެ ތެރޭގައި ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމާއި، ގަމު ޒޯން ސްޓޭޑިއަމް ހުޅުއްވާދެއްވުމާއި، ސެންޓްރަލް ޕަވަރ ސްޓޭޝަން ހުޅުއްވައިދެއްވުން ހިމެނެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަށްޓަވައިދެއްވާ ސީޓީ ސްކޭން ޚިދުމަތަކީ އެހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފަށާ ޚިދުމަތެކެވެ. ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ފަށާ މި ޚިދުމަތަކީ އެ ސަރަޙައްދުގައިވެސް އަލަށް ފަށާ ޚިދުމަތެކެވެ. ސީޓީ ސްކޭންއަކީ އާއްމުކޮށް ކުރާ ކުދި ޓެސްޓްތަކާއި ޚިލާފަށް، ހަށިގަނޑުގެ ބޮޑެތި ޓެސްޓުތައް ހެދޭ ޚިދުމަތެކެވެ. އެގޮތުން ލޭނާރުތަކާއި ކައްޓާއި އަދި އެހެނިގެން ގުނަވަންތަކުގެ ޒަމާނީ ތަޙުލީލުތައް ކުރެވޭ ޚިދުމަތެކެވެ. ސީޓީ ސްކޭންގެ ޚިދުމަތް ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނީ ހޮސްޕިޓަލުގައި މިހާރުވެސް މަސައްކަތްކުރާ މުޢައްޒަފުންކަމަށްވެސް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. އެހޮސްޕިޓަލުގައި މިހާރުވަނީ ޓެސްޓުތަކެއް ހެދޭ ލެބް މެޝިނެއްވެސް  އިންސްޓޯލްކޮށްފައެވެ.

ގަމުގައި ޤާއިމްކުރި ސެންޓަރަލް ޕަވަރ ސްޓޭޝަނަކީ މީގެ ކުރިން ހަތަރު އަވަށުގައި ވަކިން ހިންގަމުން އައި އިންޖީނުގެތަކުގެ ބަދަލުގައި އެއްވިއުގަ އަކުން ގުޅުވާލުމަށް ޤާއިމްކުރި އިންޖީނުގެއެކެވެ. މިހާރު ސެންޓަރަލް ޕަަރ ހައުސްގެ ޚިދުމަތް ގަމުގެ ރައްޔިތުންނަށް ދެމުން އަންނައިރު މި ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފަށްޓަވައިދެއްވާނެއެވެ.

ލ.ގަމުގެ ކަރަންޓު ވިއުގަ ގުޅާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. އެރަށަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ އެއް ވިއުގައަކުން ގުޅާލާފައިވަނީ މުކުރިމަގު، މަތިމަރަދޫ، ތުނޑީ އަވަށުގައި ވަކިވަކިން ހިންގަމުންއައި އިންޖީނުގެތަކާއި، އިދާރީ މަސައްކަތްކުރާ އޮފީސްތައްކަމަށެވެ.

ތިން އަވަށުގައި ވަކިން ހިންގަމުންއައި އިދާރީ އޮފީސްތައް، އާ އިމާރާތަކަށް ބަދަލުކޮށް މިހާރު ޚިދުމަތްދެނީ އެއް ފުރާޅެއްގެ ދަށުންނެވެ. ފެނަކައިން ވިދާޅުވެފައިވަނީ ސަރަޙައްދީ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ނިމިފައިވަނީ މިމަހުކަމަށާ މިހާރު ޚިދުމަތް ފަށާފައިވާކަމަށެވެ.މި އިންޖީނުގޭގެ އޮފީސް ޢިމާރާތް ހިންގަމުން އަންނަނީ ލ.ގަން ތުނޑީ އަވަށުގައި މީހުން ދިރިނޫޅޭ ސަރަޙައްދުގައެވެ. އާއްމުންނަ އުންދަގޫވާގޮތަށް ރަށުތެރޭގައި ހުންނަ އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަކީވެސް ފެނަކައިން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ގަމުގެ ތިން އަވަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކައިން މިހާރު ބޭނުންކުރަމުން އަންނަނީ 1.2ކިލޯ ވޮޓްގެ ކަރަންޓެވެ. ނަމަވެސް ގަމުގައި އިތުރުވަމުން އަންނަ އާބާދީއާއި ވިޔަފާރިތަކާއިއެކު، އެރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރައީސް ހުޅުއްވާދެއްވާ ސެންޓްރަލް ޒޯން ސްޓޭޑިއަމްއަކީ ރާއްޖޭގެ އަތޮޅުތެރޭގައި ޤާއިމްކުރާ މިފަދަ ހަތަރުވަނަ ސްޓޭޑިއަމްއެވެ. ހަތް މިލިއަންަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ޤާއިމްކުރި މި ސްޓޭޑިއަމްގައި ވަނީ ފުޓްބޯޅަ ކުޅޭނެ ދަނޑެއް އެންމެ ޒަމާނީ ފެންވަރަށް ތަރައްްޤީކޮށްފައެވެ.

ގަމުގައި މިއަދު މިފަށާ ތިން ޚިދުމަތާއެކު ހައްދުންމައްޗާއި އެސަރަހައްދުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ގަމަކީ އާބާދީގައި ފަސް ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭމުން އަންނަ ރަށެކެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރައީށް މިއަދުހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ކައްދޫގައި އެމްއެންޑީއެފް ސެންޓަރަލް ކޮމާންޑުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީންތައްވެސް ބައްލަވައިލައްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.