ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ކިތަންމެ ކޯފާވި ކަމުގައި ވީނަމަވެސް، ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކޮށް ނުދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު މިހެން ވިދާޅުވީ ވިލާ ކުންފުންޏަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެދިގެން ހުއްޓުވާފައިވާ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙަށް އަމާޒު ކުރައްވައި ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އެމްޑީޕީއަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ޤާސިމްގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ރައީސް ވިދާޅުވީ، މިހާތަނަށް ވެރިކަމުގައި ހޭދަ ކުރެއްވި މުއްދަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާފައިވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ. އެ އިމުގެ ތެރެއިން ބޭރަށް ވަޑައިނުގަންނަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު މަސައްކަތް ކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ އިމުގެ ތެރޭގައި، އެއީ އަޅުގަނޑާ ކިތަންމެ ގާތް މީހެއް ކަމުގައިވިޔަސް. އަޅުގަނޑު ޕާޓީގެ މީހެއްކަމުގައިވިޔަސް، އާއިލާގެ މީހެއްކަމުގައި ވިޔަސް، އަޅުގަނޑަކަށް ޤާނޫނުއަސާސީން ބޭރަކަށް ނުދެވޭނެ، އޭގައި އޮތް ގޮތަށް އެކަންކަން ކުރިއަށްދާނީ. ޤާނޫނުން ބޭރަކަށް ނުދާނަން، ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިޔަސް.
– ރައީސް ވިދާޅުވިއެވެ.
ވާވެއްދިފަޅު ވިއްކުމުގެ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ މުއާމަލާތް ފެށުމާ އެކު، އޭސީސީން ވަނީ އެކަން ހުއްޓުވައިފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ކޯވިޑް-19 އާ އެކު ކުރިމަތިވި ނިކަމެތިކަމާ ގުޅިގެން ކުންފުނީގެ ހާލަތު ވަރަށް ބޮޑަށް ދަށްވި ކަމަށެވެ.
ވިލާ ކުންފުނީގެ ދަށުން މަސައްކަތް ކުރާ 5،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު، ސަރުކާރަށް ފައިސާތައް ދައްކަމުން އައިސް އަދިވެސް 12 ވަރަކަށް މިލިއަން ޑޮލަރު ދައްކަން އެބަހުރި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތީ އަޟްހާ އީދު ކަމަށްވެފައި، ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަށް ވެސް 3.5 މިލިއަން ޑޮލަރު އަރާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އެކަމަކު، ސުޕްރީމް ކޯޓާއި އޭސީސީން ނިމިފައި އޮތް ކަމެއްގައި އޭސީސީ އަށް ސިޓީ ފޮނުވައިގެން އެކަން ހުއްޓުވުމުގެ އޮތީ ކޮން ހައްގެއްތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ. ސުޕްރީމް ކޯޓުން ކަމެއް ނިންމައިފި ނަމަ، އެކަން ހުއްޓުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިހަށް ވެސް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންވީމަ، މިވަރުގެ ޖަރީމާ ހިންގީމަ ކަމަކު ނުދާ ކަމަށާއި މިއީ ބޮޑު ވަރު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
މިހާރު ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނީ. މިހާރު ކަނޑާލަންވީ ގެއަށް.
– ގާސިމް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގައެވެ. އެ މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ވާވެއްދި ފަޅުގެ އިތުރުން ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ހިމެނެއެވެ. ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ވިލާ އިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.
ވާވެއްދި ފަޅު ވިއްކުން ހުއްޓުވާފައި ވަނީ ސީދާ ސަރުކާރުގެ ނުފޫޒުގެ ތެރެއިން ކަމަށް ގާސިމް ތުހުމަތު ކުރެއްވިއެވެ. އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ފަދަ މޭރުމަކުން ގާސިމް ވަނީ ވާހަކަ ދައްކަވައިފައެވެ.
ކޮމެންޓު ފޮނުވާ