މީގެ ހަތަރު އަހަރު ކުރިން ފެންމަތިވި މަކަރާއި ހީލަތުގެ މައްސަލައެއްގައި ބޮލީވުޑްގެ ބަތަލާ އަމީޝާ ޕަޓޭލް އަމިއްލައަށް ފުލުހުންނާއި ހަވާލުވެއްޖެ އެވެ.
އަމީޝާ އާއި ދެކޮޅަށް ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރު އަޖޭ ކުމާރު ސިންގް 2018 ވަނަ އަހަރު ހުށަހެޅި މަކަރާއި ހީލަތާއި ޗެކް ބައުންސްގެ މައްސަލައިގައި ބުނީ ޑެސީ މެޖިކްގެ ނަމުގައި ފިލްމެއް ކުޅުމަށް އަމީޝާ އެއްބަސްވުމުން އޭނާގެ އެކައުންޓަށް 2.5 ކްރޯޑް ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ.
ރިތިކް ރޯޝަނާ އެކު ބޮލީވުޑަށް ތައާރަފުވި ބަތަލާ އަމީޝާގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތާއި ބައުންސް ޗެކްތަކެއްގެ މައްސަލަ ފެންމަތިވެފައިވަނީ 2018 ވަނަ އަހަރު އެވެ. އެއީ އެމައްސަލާގައި ޕްރޮޑިއުސަރު އަޖޭ ކުމާރު ސިންގް އަމީޝާގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހެޅުމުންނެވެ.
އަޖޭ ކުމާރު ބުނި ގޮތުގައި އަމީޝާ އާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ކުނާލް ގޫމަރު ވަނީ "ދޭސީ މެޖިކް" ގެ ނަމުގައި ފިލްމެއް ހަދަން 2.5 ކްރޯޑްގެ ލޯނެއް ނަގައިފަ އެވެ.
ނަމަވެސް އެ ފިލްމުގެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައި މިހާތަނަށް، ރިލީޒް ކުރެވިފައި ނުވާ އިރު، ލޯނަށް އިންޓްރަސްޓާ އެކު ދައްކަން ޖެހޭ ފައިސާ އަނބުރާ ދައްކާފައި ނުވާ ކަމަށް އަޖޭ ބުންޏެވެ.
އަމީޝާ ފޮނުވި 2.5 ކްރޯޑްގެ ޗެކް ބޭންކަށް ހުށަހެޅުމުން އެ ޗެކް ބައުންސްވެފައިވާއިރު މި މައްސަލަ ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ އެތައް ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުވުމަށް އަމީޝާއަށް އަންގާފައެވެ. އެހެންނަމަވެސް މި މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް އަމީޝާ ހާޒިރުވެފައި ނުވާއިރު އިއްޔެ ބޭއްވި އަޑުއެހުމަށް އޭނާ ވަނީ ހާޒިރުވެފައެވެ. އެހެން ޝަރީއަތްތަކަށް އޭނާ ހާޒިރުނުވުމުގެ ސަބަބުން ފުލުހުން ވަނީ ކޯޓު ތެރެއިން އަމީޝާ ހައްޔަރުކޮށްފައެވެ.
ރަންޗީ ސިވިލް ކޯޓުގައި ކުރިއަށް ގެންދާ މިމައްސަލާގެ އެންމެ ފަހުގެ އަޑު އެހުން އިއްޔެ ވަނީ ބާއްވާފަ އެވެ. އަމީޝާ ހައްޔަރުކުރުމާއެކު އޭނާގެ ފަރާތުން ކޯޓުގައި ވަނީ ބެއިލްއަށް އެދިފަ އެވެ. ކޯޓުން ވަނީ އަމީޝާ އެދުނު ގޮތަށް ބައިލްދީފަ އެވެ. އެހެން ނަމަވެސް މިމަހުގެ 21 ވަނަ ދުވަހު އޮންނަ ޝަރީއަތަށް ހާޒިރުވުމަށް އަންގާފައި ވެއެވެ.
2000 ވަނަ އަހަރު ބޮލީވުޑަށް ނުކުތް 47 އަހަރުގެ ބަތަލާގެ ފިލްމީ ކެރިއަރު ވަނީ ވަރަށް ކުރީކޮޅު އަޑިއަޅާލައިފަ އެވެ. އެއްވެސް ގޮތަކަށް ފިލްމް އެއް ކުޅެން ނުލިބޭ އަމީޝާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ 2019 އަހަރު ރިލީޒް ކުރި ސަނީ ޑިއޯލްގެ "ބައްޔާޖީ ސުޕަހިޓް" އިންނެވެ. ދުވަސްގަނޑަކަށް ފަހު އޭނާ އަނެއްކައިވެސް ބޮޑު ސްކްރީން އިން ފެނިގެންދާ ފިލްމް "ގަދަރް 2″ އެވެ. އެ ފިލްމް އަކީ 2001 ވަނަ އަހަރު ރިލީޒް ކުރި "ގަދަރް" ގެ ސީކުއަލްއެކެވެ.
ކޮމެންޓު ފޮނުވާ