ބޮލީވުޑްގެ މަޝްހޫރު އެކްޓަރެސް އާލިއާ ބަޓްގެ އަލަތު ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
މިކަން އިއުލާންކޮށްފައި ވަނީ އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ނެޓްފްލިކްސް އަށް އަންނަން ހުރި ބައެއް އުފެއްދުންތައް ދައްކައިލަން ބްޒެޒިލްގައި ބޭއްވި ކުލަގަދަ "ޓުޑުމް" އިވެންޓްގަ އެވެ.
އާލިއާ ބަޓްގެ ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ގެ ޓްރެއިލާ އާއި އެކުގައި ނެޓްފްލިކްސްއިން ކުރިޔަށް އޮތްތަނުގައި ދެއްކުމަށް ހަމަޖެހިފައިވާ ގިނަ ފިލްމުތަކުގެ މަޢުލޫމާތު ވަނީ ޢާއްމުންނާ ހިއްސާކޮށްފައިވެއެވެ.
އާލިއާ މުހިންމު ރޯލެއް ކުޅެފައިވާ މި ފިލްމަކީ ސްޕައި ތްރިލާ އެކެވެ. އާލިއާ މީގެ ކުރިން ކުޅެފައި ނުވާ ކަހަލަ އެކްޝަން ރޯލަކުން ފެންނާނެ "ހާޓް އޮފް ސްޓޯން" ގައި ކުޅެފައި ވަނީ ކޭޔާ ދަވަން ކިޔާ ކެރެކްޓާއެކެވެ.
ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ "ވޮންޑަ ވުމެން" ގެ ތަރީ ގަލް ގެޑޯ އާއި "ދަ ފޯލް"، "ދަ ޓުއަރިސްޓް" އަދި "ރޮބިން ހޫޑް" ފަދަ ފިލްމުތައް ކުޅެފައިވާ ޖެމީ ޑޯނަން ވެސް މި ފިލްމުން ފެންނާނެއެވެ.
ނެޓްފްލިކްސް އިން އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ ޓޮމް ހާޕާ ޑައިރެކްޓުކޮށްފައިވާ ފިލްްމެކެވެ. "ދަ އެއިރޯނޮޓްސް"، "ވިމެން އިން ބްލެކް" އަދި "ވައިލްޑް ރޯޒް" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރަކީވެސް ހާޕާއެވެ.
ކޮމެންޓު ފޮނުވާ