ކައިވެނި ކޮށް ދަރިން ވެސް ބޭނުން ވާކަމަށާއި ނަމަވެސް އަދި ކައިވެނީގެ ނާންނަ ކަމަށް އިންޑިއާގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.
36 އަހަރުގެ ބަތަލާ ބުނީ ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެ ކަމަށާއި އޭނާގެ ކައިވެނީގެ ވަގުތު ޖެހުމުން ކައިވެނި ކުރާނެ ކަމަށެވެ. ނަމަވެސް އަދި އެ ވަގުތު ނާންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އަށް ދިން އިންޓަވިއުއްގައި ވާހަކަ ދައްކަމުން ކަންގަނާ އިތުރަށް ބުނީ ކައިވެނި ކޮށް ދަރިން ހޯދަން ބޭނުން ވާ ކަމަށެވެ. އަދި އާއިލާ އެއް ބިނާ ކުރަން ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
ކަންގަނާ ވަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު އޭނާ އަށް ވުރެ މާ ދޮށީ އެކްޓަރު އަދިތިޔާ ޕަންޗޯލީ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިއެވެ. އަދި 2009 ވަނަ އަހަރުގެ ފިލްމް "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް" ގެ ބަތަލު އަދިޔަމަން ސުމަން ހިމެނެ އެވެ. މި ފިލްމް އަކީ އެދެމީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމްވެސް މެއެވެ.
އެންމެ ފަހުން ކަންގަނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނަނީ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އާއިއެވެ. އެ ގުޅުން ވެގެން ގޮސްފައިވަނީ ވަރަށް ކޮންޓރޮވާޝިއަލް ގުޅުމަކަށެވެ. ކަންގަނާ ވަނީ ރިތިކް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދައުވާ ކޮށްފައިއެވެ. ނަމަވެސް ރިތިކް ވަނީ އެވާހަކަތަށް ދޮގު ކޮށްފައިއެވެ.
ކަންގަނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2022 ވަނަ އަހަރުގެ ފިލްމް "ދާކަޑް" އިންނެވެ. އޭނާގެ ވަރަށް ބޮޑެތި ޕްރޮޖެކްޓް ތަކެއް ކުރިއަށް ވެސް އެބަހުއްޓެވެ. އެގޮތުން "ތޭޖަސް" އަދި "އެމަޖެންސީ" ހިމެނެއެވެ.
ކޮމެންޓު ފޮނުވާ