ރައީސް ނަޝީދުގެ ރާގު ބަދަލުވެއްޖެ، ވިދާޅުވަނީ މިއޮޑި ނުފެތޭނެކަމަށް

ރައީސް ނަޝީދުގެ ރާގު ބަދަލުވެއްޖެ، ވިދާޅުވަނީ މިއޮޑި ނުފެތޭނެކަމަށް

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2020 07:06
0

ރައީސް ޞާލިހުގެ ޒަޢާމަތާއިއެކު ރާއްޖެ އަމާން އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު އޮތް ސަރުކާރަކީ ރައީސް ނަޝީދުގެ ބައިވެރިވުމެއް އޮތް ސަރުކާރެއް ނޫންކަމަށް ވިދާޅުވެ ވާހަކަދެއްކެވިތާ ގިނަ އިރުތަކެއް ނުވަނީސް ރައީސް ޞާލިހުއާއި ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ މިރާއްޖެ އަމާން އައްސޭރިއަކަށް ގެންދާނީ އެމްޑީޕީން ކަމަށެވެ. އަދި އެކަން ކުރުމުގައި ރައީސް ޞާލިހުއާއިއެކު ސާބިތުކަމާއިއެކު ހުންނެވިކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައިވަނީ ގިނަ ކަންތައްތަކަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަން ހާމަކުރައްވާފައެވެ. އެގޮތުން ކޯވިޑް-19ގެ ޙާލަތާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖިލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދެބޭފުޅުން މިއަދު ބައްދަލުކުރައްވާފައިވާއިރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވަނީ ދިވެހި ސަރުކާރާއިި އެމަނިކުފާނާއި ގުޅުމެއް ނެތްކަމަށެވެ. މިސަރުކާރަކީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދި ރިޔާސަތު ބަލަހައްޓަވާ ޕާޓީއަށް ނިސްބަތްވާ ސަރުކާރެއްކަމަށާއި، އެމަނިކުފާނު މަދަދުދޭ ސަރުކާރެއްކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ މިސަރުކާރުގެ ބައިވެރިއެއްނޫންކަމަށާއި، އެއީ މަޖިލީހުގެ ރައީސްކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

އެންމެފަހުން މިދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ މިއަހަރުގެ ޖޫންމަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހުގެ ބައްދަލުވުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ މި ބައްދަލުކުރެއްވުމުުގައި ތަރައްޤީގެ އެޖެންޑާ ތަންފީޒްކުރުމުގެ މުހިންމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ އެ ސިޔާސަތުތައް ތަންފީޒްކުރުމުގައި މުހިންމު އިދާރާއެއްކަމަށާއި، ސަރުކާރާއި މަޖިލިސް ގުޅިގެން ރައްޔިތުންނަށްޓަކައި މުހިންމު މަސައްކަތްތަކެއްކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.