އަންހެނުންނަށް އެންމެ ބޮޑު އިސްކަމެއް ދިނީ މިދައުރުގައި: ރޮޒޭނާ

އަންހެނުންނަށް އެންމެ ބޮޑު އިސްކަމެއް ދިނީ މިދައުރުގައި: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2023 05:36
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރަކީ ދިވެހި އަންހެން ކަނބަލުންނަށް އެކަނބަލުންގެ ހައްގު ޝަރަފާއި، ބާރުވެރިކަން ކަށަވަރުވެގެން ގޮސްފައިވާ ފަސް އަހަރު ކަމުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެޕާޓީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން ދަރުމަވަންރަ ސްކޫލުގައި ބޭއްވި ވޯކްޝޮޕް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒުނާވެސް ބައިވެރިވި މި ވޯކްޝޮޕްގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ 300 އަށްވުގެ ގިނަ އަންހެން ކަނބަލުން ބައިވެރިވެފައިވެއެވެ. ވޯކްޝޮޕް ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ރޮޒޭނާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި އަބަދުވެސް އަންހެންނަށް ޚާއްސަ ޖާގަތަކެއް ދެއްވާފައިވާކަމަށެވެ. އަދި ސަރުކާރުގެ މިވީ ދުވަސްތަކުގައި ދިވެހި ކަނބަލުންނަށް ދެއްވާފައިވާ ޚާއްސަ ސަމާލުކަމާއި، ހޯދައިދެއްވި ބާރުވެރިކަމަކީ މިވީއެއްވެސް ވެރިކަމެއްގައި ހޯދައި ދީފައި ނުވާވަރުގެ ކަންތައްތަކެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަބަދުވެސް އެމްޑީޕީގެ މެމްބަރުންގެ އަޑު އަހައިގެން މެނިފެސްޓޯ ތައްޔާރު ކުރާބައެއް. އަދި ޚާއްސަކޮށް އަޅުގަނޑު ފާހަގަ ކޮށްލަނީ މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގަ މީގެ ކުރީގެ ސަރުކާރުތަކާއި ބަލާފަ މާބޮޑަށްވެސް އިސްކަން ދެއްވައިގެން އަޑުއެއްސެވި ފަސް އަހަރުގެ ގޮތުގަ.

– ރޮޒޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫޚުން މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ޚާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންދިޔައިރު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކެމްޕެއިން ދަތުރުތައް އީދު ބަންދަށްފަހު ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައަޅުއްވާފައިވަނީ އެޕާޓީގެ ތެރޭގައި ބޭއްވު ރިޔާސީ ޕްރައިމަރީއަކުންނެވެ. މިއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެތެރޭގެ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅި ފުރަތަމަ ޕާޓީވެސް މެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.