ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެންމެ 3 މަސްދުވަހަށް ވެފައިވާއިރު، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް ދަނީ ރިޔާސީ އިންތިޚާބަށް އަވަދިނެތި ތައްޔާރު ވަމުންނެވެ. މިގޮތުން އިންތިޚާބުގައި ވާދަކުރާނޭކަން އިއުލާން ކޮށްފައިވާ ޕާޓީތަކުން އެޕާޓީތަކުގެ ކެނޑިޑޭޓުންނާއި ރިޔާސީ ޓިކެޓް ހަވާލުކޮށް އަދި ބައެއް ޕާޓީތަކުން މެނިފެސްޓޯވެސް މިހާރުވަނީ އިއުލާން ކޮށްފައެވެ.
މިގޮތުން ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ޕާޓީތަކުގެ ތެރެއިން އެމްއެންޕީއާއި ޖުމުހޫރީ ޕާޓީން އެޕާޓީތަކުގެ މެނިފެސްޓޯވެސް އިއުލާން ކޮށްފައިވާއިރު، ބެލެވޭ ގޮތުގައި ވެރިކަންކުރާ އެމްޑީޕީންވެސް ވަރަށް އަވަހަށް އެޕާޓީގެ މެނިފެސްޓޯ އިއުލާންކޮށް، ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށައިގަންނާނެއެވެ.
އެހެންނަމަވެސް، ސަރުކާރާއި އިދިކޮޅު ބައެއް ޕާޓީތަކުންވެސް ރިޔާސީ އިންތިޚާބަށް އަވަދިނެތި ތައްޔާރު ވަމުންދާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމް އަދިވެސް ފެންނާން އޮތީ ވާނުވާގައި އޮތްތަނެވެ.
އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމިންއާއި ހަވާލުކުރުން ފިޔަވާ، ރިޔާސީ އިންތިޚާބަށް އަމާޒުކޮށް މިހާތަނަށް އެޕާޓީން އުފެއްދުންތެރި އެއްވެސް މަސައްކަތްތަކެއް ކޮށްފައި ނުވާއިރު، ރިޔާސީ ޓިކެޓްގެ ވާހަކަ އެހެން ބީދައަކުން ދައްކާ، ޕާޓީގެ ހަމަ ކޮންމެ މެމްބަރަކާ ދެކޮޅަށް ލީޑަރޝިޕުން ގެންދަނީ ހަރުކަށި ފިޔަވަޅުތައްވެސް އަޅަމުންނެވެ.

މިގޮތުން، ޕީޕީއެމްގެ ސެނެޓްގެ ބައެއް މެމްބަރުން ފާހަގަ ކުރާގޮތުގައި، ރިޔާސީ ޓިކެޓާއި ގުޅޭގޮތުން ވާހަކަ ދައްކާ ޕާޓީގެ މެމްބަރުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުންފިޔަވާ، ޕާޓީގެ ލީޑަށްޝިޕަށްވެސް އަދާކުރެވޭނެ އެހެން އެއްވެސް ދައުރެއް މިވަގުތަކު ނެތެވެ. އެއްވެސް ކަމެއްގައި ބަސްކިޔުމުގެ އިޚްތިޔާރެއް ޕާޓީ ހިންގުމާ ހަވާލުވެ ތިއްބެވި އެއްވެސް ބޭފުޅަކަށް ނެތެވެ. ލީޑަރޝިޕަށްވެސް ހަމައެކަނި މަޑުކޮށްގެން ތިބެން ޖެހިފައިވަނީ ޖަލުން އަންނަ ނޯޓަކަށެވެ. އެ ނޯޓު އަންނަނީ ކާކަށްތޯއާއި، ޖަލުން އަންނަ ނޯޓުގައި ލިޔެފައި އޮންނަނީ ކީކޭތޯ ބެލުމުގެ އިންތިޒާރީގައެވެ.
ނޯޓުން ޕާޓީ ހިންގުމުގައިވެސް އެއްވެސް ހަމައެއް ނެތް!
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް އިދިކޮޅު ޕީޕީއެމްއިން އުފެއްދުންތެރި އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. އަދި ޕާޓީގެ ލީޑަރޝިޕަށް އުފެއްދުންތެރި އެއްވެސް މަސައްކަތެއް ކުރުމުގެ ޖާގަވެސް ނެތްކަންވެސް ޕާޓީގެ ސެނެޓްގެ ގިނަ މެމްބަރުން ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ.
އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ޖަލުން އެޕާޓީގެ އެކިއެކި ފަރާތްތަކުން އަންނަމުންދާ ނޯޓުތައް ކަމުގައި، މިކަމުން ކަންބޮޑުވުން ފާޅުކުރާ، ޕާޓީގެ ސެނެޓްގެ މެމްބަރުން ފާހަގަ ކުރެއެވެ.
މިގޮތުން ރައީސް ޔާމިން ޖަލަށް ވަޑައިގަންނަވަމުން ޕާޓީގެ ހިންގުން، ޕީއެންސީގެ ރައީސް އަބުއްރަހީމްއާއި ހަވާލު ކޮށްފައިވި ނަމަވެސް، ޕާޓީ ހިންގުމާއި ގުޅޭގޮތުން ޖަލުން އަންނަމުންދާ ނޯޓުތައް އަންނަނީ ޕާޓީގެ ލީޑަރޝިޕަށް ނޫންކަންވެސް އެމެމްބަރުން ފާހަގަ ކުރެއެވެ. މިގޮތުން ބައެއް ނޯޓުތައް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުންނަށް އަންނަމުންދާއިރު، އަނެއްބައި ނޯޓުތައް އަންނަމުން ދަނީ، ޕާޓީއަށް ޚަރަދު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ، ވިޔަފާރިވެރިޔާ ޝަވީދަށެވެ.
އޭގެ އިތުރުން ޔާމިން މިނިވަން ކުރުމަށް ހިންގާންޖެހޭ ސިޔާސީ ހަރަކާތަތްކާއި އަދޮ މީޑިއާގައި ދައްކާންޖެހޭ ބައެއް ވާހަކަތަކާއި ގުޅޭގޮތުން ޔާމިން ޖަލުން ނޯޓުތައް ފޮނުވާ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންގެ ތެރޭގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ހިމެނޭއިރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމަށްވެސް ނޯޓު އަންނަކަމަށް "ޚަބަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ޕީޕިއެމްގެ ސެނެޓްގެ ބައެއް މެމްބަރުން ވިދާޅު ވެފައި ވެއެވެ.
މިގޮތުން، ރިޔާސީ އިންތިޚާބު ކުޑަތަން ވެފައިވާއިރު، ޕާޓީގެ ލީޑަރޝިޕުން މިވަގުތު އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރާ އެއްކަމަކީ، ޔާމިންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މެދުވެރިކޮށް ޕާޓީގެ އެކިފަރާތްތަކަށް ފޯރުކޮށްދެމުންދާ، އެކި ވާހަކަތައް އެކުލެވޭ ނޯޓުތައްކަންވެސް އެފަރާތްތަކުން ފާހަގަ ކުރެއެވެ.
ޕާޓީގެ ހިންގުންވަނީ ވަކި ބޭފުޅާކާ ހަވާލު ކޮށްފަ. އެހެންނަމަވެސް އެ ބޭފުޅާއަށް މި އިވެނީ އެވެނި މީހަކަށް އައި އެވެނި ނޯޓެއްގައި މިހެން ވިދާޅުވެއްޖެއޭ. މިވެނި މީހަކަށް އައި މިވެނި ނޯޓެއްގައި މިހެން ވިދާޅުވެއްޖެއޭ. އަނެއްކޮޅު އެކި ފަރާތްތަކަށް އިސް ވަކީލު ޑރ. ޖަމީލު ފޯރުކޮށް ދެމުންދާ ނޯޓުތަކުގެ ސައްހަކަމާމެދުވެސް އެބަ ސުވާލު އެފެދޭ. ޕާޓީގެ ލީޑަރޝިޕް އޮތީ ވާނުވާގައި.

އިދިކޮޅު ޕީޕީއެމްގެ އެކި ފަރާތްތަކަށް ޖަލުން އަންމުންދާ ނޯޓުތައް ގިނަވެ، ޕާޓީގެ މިސްރާބު ހާވިޔާވެފައި ވާކަން ފާހަގަކޮށް، އެޕާޓީގެ ސެނެޓަރަކު ވިދާޅުވެފައިވެއެވެ.
ކޮންމެއަކަސް ސާފުވާން އޮތް އެއްކަމަކީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއަށް ކެނޑިޑޭޓަކު ނުނެރެވިދާނެ ކަމުގެ ކަންބޮޑުވުން ޕާޓީގެ ސެނެޓްގައާއި، ސްޓްރިއަރިން ކޮމިޓީތަކުގައާއި، އަދި އާންމު މެމްބަރުންގެ މެދުގައިވެސް އިންތހާއަށް ހުރިކަމެވެ.
އަދި މި ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯދާ ދިނުމުގެ ފުރުސަތު ޕީޕީއެމްގެ ލީޑަރޝިޕަށްވެސް ތަނަވަސްވެފައި ނެތް އެންމެ ބޮޑު އެއްސަބަބަކީ، ޖަލުން އަންނަ ނޯޓުތައް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ބަދަލުގައި، ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާއި ހަމައިންގޮސް، ސެނެޓްގައި ހިމެނޭ އެންމެ އާދައިގެން މެމްބަރުންނަށްވެސް އަންނަމުންދާތީކަން މިއީ ޕީޕީއެމްގެ ލީޑަރޝިޕްގައި ހުރި ކަންބޮޑުވުންތަކަށް ބަލާއިރު ސާފުވާން އޮތް ހަގީގަތެވެ.
އިސްކޮށް ތިބި ބައެއް ފަރާތްތަކުގެ ޝައުގުވެރިކަން ސީދާ ޓިކެޓަށް!
ކޮންމެއަކަސް، ރައީސް ޔާމިން ޖަލުގައި އޮންނަވައިގެން، އެމަނިކުފާނު މިނިވަން ނުވިނަމަވެސް، މިނިވަން ޕްރައިމަރިއަކުން ރިޔާސީ ޓިކެޓް އެހެން ފަރާތަކަށް ލިބުނަ ނުދިނުމަށް ކުރައްވައްމުން ގެންދަވާ އެއް މަސައްކަތެއްގެ ގޮތުގައި ފާހަގަވާން އޮތް އެއްކަމަކީ، ނޯޓުތައް ފޮނުވައިގެން، އެކިއެކި ފަރާތްތަކަށް މެދުވެރިކޮށް އެމަގުން އަމުރު މައުރޫފު ހިންގަމުން ދިއުމެވެ.
އެހެންނަމަވެސް، އިސްވެދެންނެވުނު އުސޫލުން ޕާޓީ ހިންގަވަން ރައީސް ޔާމިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިންވެސް، ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ފަރާތްތަކުން އޭގެ ނާޖާއިޒު ފައިދާ ނެންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ސެނެޓްގެ ބައެއް ފަރާތަތަކުން ތުހުމަތު ކުރެއެވެ.
ޑރ. ޖަމީލް ގެންނަވާ ނޯޓުތަކަށް ލީޑަރޝިޕަށް އިތުބާރެއް ނުކުރޭ. އެ ނޯޓުތަކުގައި ހުންނަނީ ސައްހަ ވާހަކަތައްކަން ކަށަވަރު ކުރާނެ ގޮތެއްވެސް ނެތް. ގިނަ ބަޔަކު މިހާރު ޝައްކު ކުރަނީ، ޕާޓީގެ ލީޑަރޝިޕު މެދުވެރި ނުކޮށް، ނޯޓުން ޕާޓީން ހިންގަމުންދާއިރު، މިހުރިހާ ކަމެއްވެސް ރާވަމުން މިދަނީ، ޑރ. ޖަމީލް އަޑީގައި ހުންނަވައިގެން ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވުމަށް ކަމަށް.
އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގައި އޮންނާންޖެހޭ އިތުބާރު އެކީ ގެއްލިގެން ގޮސްފައިވާކަމަށް މޭރުން ކުރައްވަމުން "ޚަބަރު އޮންލައިން" އާއި ވާހަކަ ދެއްކެވި ސެނެޓްގެ ބޭފުޅަކު ވިދާޅުވިއެވެ.

ކޮންމެއަކަސް، މިއަދު ހަގީގަތަކީ، އިދިކޮޅު ޕީޕީއެމްގެ އެއްވެސް މިސްރާބެއް ނެތްތާގައި، ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ކެނޑިޑޭޓަކު ވާދަކޮށްފާނެ ކަމާމެދުވެސް ސުވާލު އުފެދިގެން ގޮސްފައި ވާކަމެވެ. އަދި އެއީ ރައީސް ޔާމިން އެފުސަތު ދެއްވަން ބޭފުޅު ނުވެގެން ކަންވެސް ސާފުކޮށް ފެންނާން އޮތް އިރު، ޕާޓީގެ ލީޑަރޝިޕަށްވެސް ސާފު ރާސްތާއެއް ފެންނާންނެތި، ޕާޓީގެ ގިނަ އިސް ފަރާތްތަކުގެ މެދުގައި މިވަގުތު އޮތް އެންމެ ބޮޑު ވާދަވެރިކަމަކަށް ވެގެން ގޮސްފައިވަނީ ޖަލުން އަންނަ ނޯޓަކަށް އިންތިޒާރުކޮށް، އެމަގުން އެކަކަށްވުރެ އަނެކަކު ޕާޓީގެ އެތެރޭގައި ކުރިއަރައިގެން ދިއުމެވެ.
އިދިކޮޅު ޕީޕީއެމް ހަގީގަތުގައިވެސް މިއަދު ފެންނާން އޮތީ މުސްތަގުބަލެން ނެތް، ހައިޖެކް ކޮށްފައި އޮތް ޕާޓީއެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ