އިޓަލީގެ ކުރީގެ ބޮޑުވަޒީރު ބެރުލުސްކޯނީ އުމުރުން 86 އަހަރުގައި އަވަހާރަވެއްޖެ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ބެރުލުސްކޯނީ އުމުރުން 86 އަހަރުގައި އަވަހާރަވެއްޖެ

Author
ހުސެއިން
12 ޖޫން 2023 06:47
0

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ބެރުލުސްކޯނީ އުމުރުން 86 އަހަރުގައި އަވަހާރަ ވެއްޖެއެވެ.

1936 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 29 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް، އިޓަލީގެ ކަނާތުފިޔައިގެ ލީޑަރު ބެރުލުސްކޯނީ މަޝްހޫރު ވެފައިވަނީ އޭނާގެ ބޮލުގައި އެޅިފައިވާ ފައިނޭޝަލް އޮޅުވާލުމުގެ ތުހުމަތުތަކުގެ އިތުރުން އޭނާގެ މައްޗަށް އެތައް ފަހަރެއްގެ މަތިން ކުރެވިފައިވާ ޖިންސީ ތުހުމަތުތަކުގައެވެ.

އަދި އޭނާއަކީ އިޓަލީގެ ސިޔާސީ މަސްރަހުގައި އެތައް އަހަރެއްވަންދެން ނުފޫޒުގަދަ ލީޑަރެއްގެ ގޮތުގައި ހުންނެވުމުގެ އިތުރުން މުއްސަދި ވިޔަފާރިވެރިއެއްވެސް މެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ގިނަބަޔަކު އަޅާކިޔާ، ބެރުލުސްކޯނީވެސް ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގެންނެވީ ރިއްއެސްޓޭޓް އަދި ކޮންސްޓްރަކްޝަންގެ ވިޔަފާރީންނެވެ. އެހެންނަމަވެސް ފަހުން އޭނާވަނީ ވިޔަފާރި ފުޅާކޮށް، މީޑިއާގެ ވިޔަފާރީގެ ތެރެއަށްވެސް ވަންނަވާފައެވެ.

މިގޮތުން 1970 އަދި 1980ގެ އަހަރުތަކުގައި އޭނާވަނީ ބަންލިޝިން ހައުސްއެއް ގާއިމްކޮށް އަދި މީޑިއާސެޓްގެ ނަމުގައި ކެބަލް ޓީވީ ނެޓްވާކެއް ގާއިމް ކޮށްފައެވެ. އޭނާގެ ކޭބަލްޓީވީ ނެޓްވާކް ވެގެން ދިޔައީ އިޓަލީގެ ގައުމީ މީޑިއާއި އެންމެ ވާދަވެރި މީޑިއާ ކަމުގައެވެ.

އޭގެ އިތުރުން 1986 ވަނަ އަހަރު އޭނާވަނީ މަޝްހޫރު ފުޓްބޯޅަ ކުލަބު އޭސީ މިލާން ގަނެ، އެ ކުލަބް ބޭންކްރަޕްޓު ވުމުން ސަލާމަތް ކޮށް ދީފައެވެ.

ބެރުލުސްކޯނީ އިޓަލީގެ ސިޔާސީ މަސްރަހަށް ވެދެވަޑައިގެންނެވީ 1994 ވަނަ އަހަރު އޭނާ އިޓަލީގެ ކަނާތު ފިޔައިގެ ފޯޒާ އިޓާލިއާ (ކުރިޔަށް އިޓަލީ) ޕާޓީ ހެެއްދެވި ހިސާބުންނެވެ. އެ އަހަރު އާނާވަނީ އިޓަލީގެ ބޮޑުވަޒީރުކަން ފުރަތަމަ ފަހަރަށް ކުރައްވާފައެވެ.

އެއަށްފަހުވެސް ބެރުލުސްކޯނީ ވަނީ ދެފަހަރެއްގެ މަތިން އިޓަލީގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވެފައެވެ. އެއީ 2001 ވަނަ އަހަރުއާއި 2008 ވަނަ އަހަރުއެވެ.

ބެރުލުސްކޯނީ އަވަހާރަ ވުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ އެހާރާއި މިހާރުގެ ލީޑަރުން ދަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.