ވެރިކަމާއި ހަވާލުވެ ކާމިޔާބު ކަމާއިއެކު ވެރިކަން ކުރެވޭނެ ސިފަތަކެއް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެ ދެއްވައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީގެ ރައީސްކަން ކުރައްވާ އިމްރާން ނިންމެވީ މިހާރުވެސް ވެރިކަން ކުރާ ކޯލިޝަނާއިއެކު، އަދި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިހާއިއެކު ރިޔާސީ ދެވަނަދައުރެއް ހޯއްދެވުމަށް މަސައްކަތް ކުރުމަށެވެ.
އިމްރާން ގެންދަވަނީ ދޭތެރެ ދޭރެއިން އިންތިޚާބާއި ގުޅުވައި އެކި ޓުވީޓުތައް ކުރައްވަމުންނެވެ. މިއަދު އިމްރާން ކުރެއްވި ޓުވީޓުގައި ޚާއްސަކުރީ ވެރިކަން ކުރާ މީހެއްގެ ކިބާގައި ހުންނަންވާ ކަންކަމާއި، ހެޔޮވެރިކަމެއް ކުރެވޭނެ ގޮތަކާއި ގުޅޭގޮތުންނެވެ. އިމްރާން ވިދާޅުވީ ވެރިކަން ކުރަން ކުރިމަތިލާ މީހާގެ ކިބައުގައި ވަކި ޝަރުތުުތަކެއް ހަމަވާން ޖެހޭކަމަށެވެ. އަދި އެމީހަކު އިންތިޚާބު ވަނީ ރައްޔިތުންގެ ވޯޓުން ކަމަށާއި، އިންތިޚާބުވުމަށް ކުރާ މަސައްކަތަކީވެސް ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ.
މިހުރިހާ ކަމަކާއިއެކު އިންތިޚާބުވެ ރައްޔިތުންގެ އެދޭފަދަ ހެޔޮ ވެރިކަމެއް ކުރުމަކީ ކުރަން އުދަނގޫ ކަމެއްކަމަށްވެސް އިމްރާން ވިދާޅުވިއެވެ. ކާމިޔާބު ވެރިކަމެއް ކުރުމުގައި މިހުރިހާ ސަިފަތަކަކީ މުހިންމު ސިފަތަކެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
ރިޔާސީ ކެނޑިޑޭޓެއްގެ ޝަރުތުތައް ހަމަވުމަކީ ވަކި ކަމެއް. ކުރިމަތިލާ ކެމްޕެއިނެއް ކުރެވުމަކީ ވަކިކަމެއް. ރައްޔިތުންގެ ވޯޓުން ހޮވުމަކީ ވަކިކަމެއް. ހެޔޮވެރިކަމެއް ކުރަން އެނގުމަކީ މުޅިން ވަކި ކަމެއް. ކާމިޔާބު ވެރިކަމެއް ކުރެވޭނީ މިހުރިހާ ކަމެއް ފުރިހަމަ ކުރެވިގެން.
– އިމްރާން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ކަނޑައަޅާފައިވަނީ ދަރުބާރުގެއެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި 282755 މީހުންނަށް ވޯޓުލުމު ޙައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144408 ފިރިހެނުންނާއި 138347 އަންހެނުންނެވެ.
ކޮމެންޓު ފޮނުވާ