ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހައްލު ހޯދައިދޭނަން: ރައީސް

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހައްލު ހޯދައިދޭނަން: ރައީސް

Author
މުޙައްމަދު ޝަޒައިމް
06 ޖޫން 2023 11:32
0

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ފާހަގަކުރެވިފައިވާ ކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުކުޅަހަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، މިހާރުވެސް އުކުޅަހުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަމާ އަދި މަޝްރޫޢުތައް ހިނގަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން ރަށުގެ މަގުތައް ހެދުމުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރަށުގައި ޙައްލުކުރަން ހުރި ކަންކަމުގެ ތެރޭގައި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގެ އިދާރީ މަސައްކަތްތައް ކުރާނެ އެކަށީގެންވާ ޖާގަނެތުމާއި، ޒުވާނުންގެ މަރުކަޒެއް ނެތުމުގެ ދަތިކަމާއި، ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ތަފާތުތަކެއް ހުރުން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުކުޅަހުގައި ކައުސިލް އާ ޢިމާރާތެއް ކުރުން އިސްކަންދޭ ލިސްޓުގައި ހިމަނުއްވާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ފާހަގަކުރެވިފައިވާ ކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.