ރާއްޖޭގެ ޝަރުއީ ދާއިރާއިން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމަށާއި، ކުރިއަށް ރިޔާސީ ދައުރުގައި ވެރިކަމާއި ހަވާލުވުމަށްފަހު ޝަރުއީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ތަނަކަށް ހަދައިދޭނެ ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް ވިދާޅުވެއްޖެއެވެ.
ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި ލަސްވާތީ އެކަމުގެ ކަންބޮޑުވުމާއިއެކު މިއަދު ހައިކޯޓަށް ވަޑައިގަތުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކަންކަން މިއަދު އޮތީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް ވަދެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ހިސާބެއްގައި ކަމަށެވެ.
އަދުރޭ ވިދާޅުވީ ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ނެގަހައްޓައި ފަނޑިޔާރުންނަށް ކުރިމަތިވެފައިވާ ބިރުވެރި ހާލަތުން މިނިވަން ކުރާނެ ކަމަށެވެ. ފަނޑިޔާރުންނަކީ މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ ބަޔަކަށް ހެދުމަށް އެޖާގަ މިސަރުކާރުން ނުދިން ނަމަވެސް މިވެރިކަމަށްފަހު އުފެދޭ ސަރުކާރުން އެޖާގަ ތަނަވަސް ކޮށްދޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.
ޝަރުއީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މިނިވަން ތަނަކަށް ހަދާދޭނަން. ފަނޑިޔާރުންނަކީ މިނިވަން މުސްތަގިއްލު ބައެއް. ޤައުމުގެ މިއަދުގެ ހާލަތު އޮތް ގޮތުން ފަނޑިޔާރުންވެސް ތިބީ ބިރުވެދިކަމެއްގައި. އަޅުގަނޑު ދަންނަވާނީ ފަނޑިޔާރުންނަށްވެސް ތިޔަބޭފުޅުންގެ ނަޒާހަތްތެރިކަމާއި މިނިވަންކަން އަޅުގަނޑުމެން އަލުން ހޯދައިދޭނަމޭ.
– އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިއަދު ރައީސް ޞާލިހު ހުންނެވީ ގިނި ކަންޏާ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކާމިޔާބު ނުވާނެކަން ރައީސް ޞާލިހަށާއި، އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުންނަށް ކަށަވަރުވާ ކަމަށެވެ.
ޤައުމުގެ މިއަދުގެ ހާލަތު އޮތްގޮތުން ރާއްޖޭގެ ހަމަޖެހުމާއި، އިޤްތިޞާދީ ހަމަޖެހުން ގެނެވޭނެ ހަމައެކަނި ވެރިއަކީ ރައީސް ޔާމީންކަމަށް އަދުރޭ ވިދާޅުވިއެވެ. ރައީސް ޔާމީނަށް މިސަރުކާރުން ދެމުންދާ ނުހައްގު އަނިޔާތަކާއި، ހުކުމްތަކަކީ އިންސާފު އަރާހަމަކުރާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހައިކޯޓުން އެމަނިކުފާނު މިނިވަންވެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރައްވައި ޤައުމު އަމާން ބަދަރަކަށް ގެންދަވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށުމަށް ހައިކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
2 Responses
އަދީބު ޖަލުގެ ކުޑަގޮޅީގައި ބާއްވައި ޝަރިއަތްކޮށް ހުކުންކުރިމީހުން ލަދެއްނުގަނބާ
އެންމެން ޖަލަށް އަޅައިގެންތަ މިނިވަންކން ހޯދަނީ