ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއްނެތި، ހަމަހަމަ ކަމާއިއެކު ރައްޔިތުންނަށް ތަރައްޤީ ގެނެސް ދެއްވުމުގައި ސާބިތުވެ ހުންނެވި އޯގާތެރި ވެރިއެއް ކަމުގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ރައީސް ޞާލިހާއިއެކު ކުރައްވަމުންދާ ދަތުރުފުޅުގައި، އައްޑޫ ސިޓީން ކިޔާފައިވާ ހޫނު މަރުހަބާއާއި، އައްޑޫ ސިޓީއާއި، ރާއްޖޭގެ ރަށްތަކަށް ރައީސް ޞާލިހު ގެނެސްދެއްވާ ތަރައްޤީ ފާހަގަ ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް ޞާލިހު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން ކީ ހޫނު މަރުހަބާއަކީ އެސިޓީގެ ރައްޔިތުންގެ ކިތްތަކުގައި އެމަނިކުފާނަށް އޮތް ލޯބި ހާމަވެގެން ދިޔަ ކަމެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި ދެއްވާ ތަރުހީބު މިއަދު ފެނިގެންދިޔަ.
– މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ވެފައިވާ ވައުދާއި އެއްގޮތަށް ބޮޑު ރަށެއް، ކުޑަ ރަށެއް، ކުޑަ އާބާދީއެއް، ބޮޑު އާބާދީއެއް ބެއްލެވުމެއްނެތި ރައީސް ޞާލިހު މުޅި ރާއްޖެެއަށް ގެނެސްދެއްވާ ތަރައްޤީއަކީ މިއަދު ރައްޔިތުން ޝުކުރުވެރި ކަމާއިއެކު ބަލައި ގަންނަ ތަރައްޤީކަމަށް ޝާހިދު ވިދާޅުވިއެވެ.
ރައީސް ޞާލިހަކީ ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތުކުރެއްވުމެއް ނެތި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ އޯގާތެރި ވެރިއެއް.
– ޝާހިދު ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ރައީސް ޞާލިހާއިއެކު މިނިސްޓަރ ޝާހިދު ވަޑައިގެން ގެންދަވަނީ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާހު ކުރުމުގައި ބައިވެރި ވަމުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ރަނިން މޭޓަކަށް ވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އަޑު ފެތުރިފައިވާ ބޭފުޅުންގެ ތެރޭގައި ޝާހިދު ހިމެނި ވަޑައިގަންނަވައެވެ. ޝާހިދަކީ ރާއްޖެއާއި ދުނިޔޭގެ ޤައުމުތަކާއި އޮތް ގުޅުން ބަދަހި ކުރުމަށްޓަކައި ވަރަށް މުހިންމު ދައިރެއް އަދާކުރެއްވި ބޭފުޅެކެވެ.
އައްޑޫ ސިޓީގެ ބޮޑެ މަޝްރޫޢުތަކުގެ ތެރެއިިން ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް ބޭއްވުި ރަސްމިއްޔާތުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެފައިވަނީ، އައްޑޫ ސިޓީން ރައީސް ޞާލިހަށް ސާފު އައުލަބިއްޔަތު ލިބިގެންދާނެކަމަށެވެ. އަދި ރައީސަށް އައްޑޫއިން 75 އިންސައްތަ ވޯޓު ލިބިގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.