ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުޑަކޮށްފި

ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުޑަކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 01:16
0

ރާއްޖޭގައި ކަރަންޓީން ވާން ޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުޑަކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ލުއިދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާ މުއްދަތު 10 ދުވަސްކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި މި މުއްދަތަށްފަހު ފީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކުރާގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއަކާއެކު ދަތުރުކުރުން ވަނީ ކަނޑައަޅާފައެވެ. އަދި މިގޮތަށް ހެދޭ ޓެސްޓަށް ޚަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުންކަމަށެވެ.

ކަރަންޓީނުގެ 10 ދުވަހުގެ މުއްދަތު ހަމަޖައްސާނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ދަތުރުކުރާ ފަރާތްތަކަށް ކަމުގައި އެޗްޕީއޭއިން ވިދާޅުވެއެވެ. މި ތާރީޚްގެ ކުރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުކުރެވިފައިވާ މީހުން ކުރިން ކަނޑައެޅިފައިވާގޮތަށް 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި ކަރަންޓީނުން ދޫކުރެވޭނީ ޕީ.ސީ.އާރް ޓެސްޓުގެ ނެގެޓިވް ނަތީޖާއާ އެކުގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.