ބޮލީވުޑްގައި މިހާރު އެންމެ ބޮޑަށް ދެކެވޭ އެއްވާހަކަ އަކީ އިލިއާނާ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިން ވާހަކައެވެ.
މި ހަބަރު ވެގެން ގޮސްފައިވަނީ ގިނަބަޔަކަށް ބޮޑު ހައިރާން ކަމެއް ގެނުވި ވާހަކައަކަށެވެ. އިލިއާނާ އަދި ހުރީ ކައިވެނި ނުކޮށެވެ. އަނެއް ކޮޅުން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކާކާ ކަމެއް މިހާތަނަށް އަދި އޮތީ ސުވާލު މާކެއްގެ ތެރޭގައިއެވެ.
އެންމެ ފަހުން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފޮޓޯގްރާފާއެއް ކަމުގައިވާ އެންޑްރޫ ނީ ބޯންއާއިއެވެ. ނަމަވެސް އެގުޅުން ނިމުމަކަށް އައިސްފައިވާ އިރުގައި މިހާރު އޭނާގެ ލޯބިވެރިއާ ކަމަށް ބުނަނީ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ގެ ބޭބެ ސަބޭސްޓިއަން އާއިއެވެ.
ނަމަވެސް މިހަބަރު އެދެތަރިން މިހާތަނަށް ކަށަވަރު ކޮށްދީފައިއެއް ނުވެއެވެ. މިހާތަނަށް ވެސް އޭނާ ބަލިވެ އިނީ ކާކުގެ ދަރިއަކަށް ކަމެއް އެނގިފައި އެއް ނުވެއެވެ. އަދި ގިނަބަޔަކު އަންނަނީ މި ސުވާލުވެސް ކުރަމުންނެވެ.

އިލިއާނާ އަންނަނީ އޭނާގެ މިދުވަސްކޮޅު ވަރަށް އުފަލުން ގުނަމުންނެވެ. އަދި އޭނާ އަންނަނީ ތަފާތު ފޮޓޯތަށް ވެސް ހިއްސާކުރަމުންނެވެ. އެގޮތުން މިހާރު އޭނާ ހުރީ ބޭބީމޫން އަށް މަޖާކޮށްލުމަށް ވެކޭޝަނަކަށް ގޮސްފައިއެވެ.
ނަމަވެސް ޗުއްޓީ ހޭދަކުރަމުން ދަނީ ކޮންތާކު ކަމެއް ހާމައެއް ނުކުރެއެވެ. މި ދަތުރުގައި އޭނާ އާއި އެކު އޭނާގެ ލޯބިވެރިއާ ވަނީ ގޮސްފައިއެވެ. ދެމިހުންގެ އަތް ފެންނަ ފޮޓޯއެއްވެސް އިލިއާނާ ވަނީ ހިއްސާކޮށްފައިއެވެ. އިލިއާނާ އަކީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަށް މީޑީއާގައި ހިއްސާ ކުރުމަށް އަބަދުވެސް ދެކޮޅުހަދާ ބަތަލާއެކެވެ.

އިލިއާނާ އެންމެ ފަހުން ފެނިގެން ދިޔައީ އަބީޝެކް ބައްޗަން އާ އެކު ކުޅުނު "ބިގް ބުލް" އިންނެވެ. ޑައިރެކްޓަރު ކޫކީ ގުލާޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަޖޭ ދޭވްގަން ޕްރޮޑިއުސްކުރި ފިލްމެކެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރަންދީޕް ހޫޑާއާ އެކު "އަންފެއާ އެންޑް ލަވްލީ" އިންނެވެ.
ކޮމެންޓު ފޮނުވާ