އިންޑިއާގެ ސެލެބްރިޓީ ފެޝަން ޑިޒައިނަރ މަނީޝް މަލްހޮތުރާ، އެކްޓަރ އަނަނިޔާ ޕާންޑޭގެ މަންމަ ހީވަނީ އަނަނިޔާގެ ދައްތައެއް ހެން ކަމަށް އިންސްޓަގްރާމް ސްޓޯރީގައި ބުނުމުން އަނަނިޔާ މާ މަޖާ ރައްދެއް އެއަށްދީފިއެވެ.
މަޝްހޫރު ކޮމޭޑިއަން ޗަންކީ ޕާންޑޭގެ އަންހެނުން ބާވަނާ ޕާންޑޭ އާއިއެކު މަނީޝް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީއަށްލައި މަނީޝް ބުނީ ބާވަނާ ހީވަނީ އަނަނިޔާއަށް ވުރެ ދޮށި، އެއްބަނޑު ދައްތައެއް ހެން ކަމަށެވެ. މަނީޝް މިހެން ބުނެފައި ވަނީ ނޫކުލައިގެ ކުރު ހެދުމެއްގައި ބޫޓަކަށް އަރައިގެން ހުރި، އުމުރައްވުރެ މާ ޒުވާން ކަމަށް ފެންނަ ބާވަނާ އަށް ތަޢުރީފް ކުރުމުގެ ގޮތުންނެވެ.

މި ސްޓޯރީ އަނަނިޔާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކުރަމުން، އުމުރުން 53 އަހަރުގެ މަނީޝް މަލްހޮތުރާއަށް ބުނެފައި ވަނީ، " އަދި މަނީޝް ހީވަނީ ތިމަންނަމެން ދެމީހުންގެ ފިރިހެން ކޮއްކޮ ހެން، ލޯބި މަނީޝް" މިހެންނެވެ.

އޭނާގެ "އިނޮސެންޓް ލުކް"ގެ ސަބަބުން ބެލުންތެރިންގެ ލޯބި ލިބިފައިވާ އުމުރުން 22 އަހަރުގެ އަނަނިޔާ ޕާންޑޭ އަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ތަރިއެކެވެ. މީގެ އިތުރުން އޭނަގެ މަންމަ ބާވަނާއަށް މީޑިއާގެ ސަމާލުކަން މިދުވަސްކޮޅު ލިބިފައިވަނީ ކަރަން ޖޯހަރްގެ ވެބް ސީރީޒް "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"ގެ ސަބަބުންނެވެ.
އަނަނިޔާ މި ވަގުތު މަސައްކަތް ކުރަމުންދަނީ ޝަކުން ބަތުރާގެ ކުރިއަށްއޮތް ފިލްމުގެ ޝޫޓިންގައެވެ. ވަކި ނަމެއް އަދި މިހާތަނަށް ދީފައި ނުވާ މި ފިލްމުގައި އޭނާ ފެނިގެން ދާނީ ދީޕިކާ އާއި ސިދްހާންތު ޗަތުރުވެދީ އާއެކުއެވެ. މީގެ އިތުރުން ޕޭން އިންޑިއަން މޫވީގެ ފިލްމު "ފައިޓާ" އަދި އޮތީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ