މުޖުތަބާއާއި، ސުމިތު ވަކިކުރުމުން ނަޝީދުގެ ހޫނު ރައްދެއް ރައީސް ޞާލިހަށް!

މުޖުތަބާއާއި، ސުމިތު ވަކިކުރުމުން ނަޝީދުގެ ހޫނު ރައްދެއް ރައީސް ޞާލިހަށް!

Author
މުޙައްމަދު ޝަޒައިމް
29 މެއި 2023 09:51
0

އެމްޑީޕީ ދެ ބައިވެ، މިހާރު އުފައްދަން މަސައްކަތްކުރާ "ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ މަގާމުން ވަކި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ލަދު ގަންނަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މުޖުތަބާއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އޭނާ އެ މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. ސްޓޭޓް މިނިސްޓަރަކަށް މުޖުތަބާ އައްޔަކުރެއްވީ ނޮވެމްބަރު 29، 2018 ގައެވެ.

މުޖުތަބާ ވަކި ކުރުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުން މުޖުތަބާ ވަކި ކުރުމަކީ ރައީސް ޞާލިހު ލަދު ގަންނަންޖެހޭ ކަމެއްކަމަށެވެ. މުޖުތަބާއަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި، އިސްލާހީ ހަރަކާތުގައި އަގު ނުކުރެވޭ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޞާލިހު މިއަދު ސަރުކާރުން ވަކި ކުރެއްވި، މުޖުތަބާއަކީ މުޅި އިސްލާޚީ ހަރަކާތުގެ އެންމެ ވަރުގަދަ އެއް ތަނބު. ރައީސް ޞާލިހު ލަދުފުޅު ހުގަނޭބާއޭ ހިތައް އަރާ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މިއަދު މަޤާމުން ވަކިކުރި ސުމިތުގެ ދިފާއުގައިވެސް ވާހަކަ ދައްކާފައެވެ. ރައީސް ނަޝީދު ވިދާޅުވި ސުމިތަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށް އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި ގަދަ ހިތްވަރާއިއެކު މަސައްކަތް ކުރި ޒުވާނެއްކަމަށެވެ.

މިއީ މިފަހުން ރައީސް ނަޝީދު ރައީސް ޞާލިހަށް އަމާޒުކޮށް، ސޯޝަލް މީޑިއާގައި ލިޔުއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ރައީސް ނަޝީދު މީގެ ކުރިން ނުރުހުމުގެ ބަސްތައް އަމާޒުކުރެއްވިއިރު ރައީސް ޞާލިހުގެ ނަންފުޅު ނުގެންނަވައެވެ. ނަމަވެސް މިފަހަރު ސީދާ ރައީސް ޞާލިހަށް އަމާޒުކޮށް ޓުވީޓު ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ ތެރެއިން އުފެދުނު އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެމްބަރުން ޕާޓީން ވަކިވެގެން އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވި އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސިޔާސީ މަގާމުތަކުން ވަކިކޮށްފައެވެ.

އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބެ، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި ބަޔަކު އެމްޑީޕީން އެދިގެން މަގާމްތަކުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުން އިއްޔެ ބުންޏެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިސް މަގާމުތަކަށް އައްޔަންކުރި މީހުން ވެސް ހިމެނެއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދައި ސިޔާސީ ގޮތުން ސަރުކާރު ބަލިކަށި ކޮށްލުމަށް ގިނަ މަސަސައްކަތްތަކެއް ކުރައްވާއިރުވެސް އެމްޑީޕީގެ ލީޑަރޝިޕުން ބުނަނީ ރައީސް ނަޝީދާއިމެދު ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިނަށަ
ތިޔަ ހުރިހާ ކަމަކުެން ނަޝީދުގެ ގޮތެއްނެތްކަން ދިވެހިންނަން ހާމަވެ މަގުބޫލުކަން ގެއްލެނީ
ލ ލޮޔޯ
ފޯކޭ ލިޔެބަލަ