ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ސަރުކާރުން ޗެނަލް-13އަށް އިންޒާރުދީ ބިރުދައްކާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަޙްމަދު ޝިޔާމެވެ.
އޭނާ ހުށަހެޅި ކުއްލި މައްސަލާގައިވަނީ ގާނޫނު އަސާސީގެ 27ވަނަ މާއްދާއިން މނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކަށް، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން އިސްތިސްނާއެއްނެތި ހުރިހާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދީފައިވާކަމަށެވެ.
މިކަން މިހެން އޮތް އިރު ޤާނޫނު އަސާސީގެ 28ވަނަ މާއްދާއިން ނޫސްވެރިކަންކުރުމާއި މުއާސަލތީ ވަސީލަތްތައް ބޭނުންކުރުމާއި، ޚަބަރާއި މަޢުލޫމާތު ފެންނަގޮތަކާއި، ޚިޔާލުތައް ފާޅުކުރުމާއި ޝާޢިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ފުރިހަމައަށް ދިވެހިންނަށް، ފޯރުކޮށްދީފައިވާކަން ޝިޔާމުގެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ. އަދި ޤާނޫނު އަސާސީން ދިވެހިންނަށް ކަށަވަރުކޮށްދޭ ޙައްގުތައް ހަނިކުރެވޭނެ މިންވަރާއި، އެ ޙައްގުތައް ހަނިކުރެވޭނެ ގޮތް ޤާނޫނު އަސާސީގެ 16ވަނަ މާއްދާގައި ބަޔާންކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައި އެޙައްގުތައް ހަނިކޮށްފައި ނުވާ ދަރަޖައަށް ބްރޯޑްކާސްޓިން ކޮމިނުން އެކުލަވައިލި ގައިޑްލައިނެއް ނުވަތަ ކޯޑެއްގެ ތެރެއިން އެހައްގުތައް ހަނިކޮށް ވަކިވަކި މީޑިއާތަކަށް އިންޒާރުދީ ބިރުދައްކަމުންދާކަން ޝިޔާމް ވަނީ ފާހަގަކޮށްފައެވެ.
އަދި ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ޙައްގުތަކާއި މިނިވަންކަން ހިފަހައްޓަންޖެނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފަހައްޓަންޖެހޭ މިންވަރަށްކަން ނުވަތަ އިސްލާމްދީނުގެ އަސްލެއް ހިމާޔަތްކުރުމަށްޓަކައި ހިފަހައްޓަންޖެހޭ މިންވަރަށްކަން ގާނޫނު އަސާސީގެ 16ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަކަންވެސް ޝިޔާމް ފާހަގަކޮށްފައިވެއެވެ.
އަދި ސަރުކާރުގެ ނުފޫޒުން ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް13އާއި ސަރުކާރުކާރަށް ފާޑުކިޔާ އެހެން މީޑިއާތަކަށް ބިރުދައްކައި އިންޒާރުދެމުންދާކަމަށް ޝިޔާމުވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަން ހުއްޓާލުމަށް މި ކުއްލި މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވާލާފައިވެއެވެ.