ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫންގެ ދަރިކަލުން އަދި މިދިޔަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނުން އުވާލި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވާދަކުރެއްވުމަށް އެދި ސޮއި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރު ކޯލިޝަންގައިވެސް ހިމެނޭ އެމްއާރުއެމް އުވާލިކަން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ވަނީ އިއުލާންކޮށްފައެވެ. އަދި ސިޔާސީ އެއްވެސް ހަރަކާތެއް އެމްއާރުއެމްއިން ނުހިންގުމަށްވެސް ވަނީ އަންގާފައެވެ. އެނިންމުމާއި އެއްގޮތަށް އެމްއާރުއެމްގެ މެމްބަރުން އަމަލު ކުރެއްވުމަށް އެޕާޓީން ވަނީ އެދިފައެވެ.
އެމްއާރުއެމް އުވާލިއިރު އެޕާޓީން ދަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޕާޓީތަކާއި މަޝްވަރާކޮށް ކޯލިޝަން ހެދުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރަމުންނެވެ. ޕާޓީ އުވާލިތާ ދެތިން ދުވަސް ނުވަނީވެސް އެޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންތަކެއް އިސްނަގައިގެން ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަކުރެއްވުމަށް އެދި ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިއްޔެ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައިި ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޮއިކޮށްފައެވެ.
Faris Maumoon @afarismaumoon ah thaaedhu kuraa meehunge soi hoadhumuge masahkah baarah kuriah!#Faris2023 #OivaraaDhekolhah pic.twitter.com/97iVk0GLaZ
— Team MRM (@TeamMRM_) May 26, 2023
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަކީ ވަކި ފިކުރެއް ކަމަށާއި އެފިކުރު ނައްތައި ނުލެވޭނެކަމަށް ރައީސް މައުމޫންވެސް ވަނީ ވިދާޅުވެފައެވެ. އެމްއާރުއެމްއިން ބުނެފައިވަނީ އެޕާޓީ އުވާލީ ކޮރަޕްޝަނާއި، ފަސާދައިގެން ވަކި ބައެއްގެ ސިޔާސީ މަންފާތަކެއް ހާސިލް ކުރުމަށް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަކުރުމާއިމެދު އާންމުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ފާރިސް ވަނީ އިންތިޚާބުގައި ވާދަކުރަންޖެހޭ ފަދަ ހާލަތެއް އައިސްފިނަމަ ކުރިމަތިލާނެކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ