މި ދައުރުގައި އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިންމާނަން: ޝާހު

މި ދައުރުގައި އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިންމާނަން: ޝާހު

Author
މުޙައްމަދު ޝަޒައިމް
26 މެއި 2023 10:03
0

އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީނަކަން އެމްޑަބްލިއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ދެއްވައިފިއެވެ.

ޝާހު މިހެން ވިދާޅުވީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މިދައުރު ނިމިގެންދާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

ފެނާއި ނަރުދަމާގެ މަސައްކަތްތައް ސަރުކާރުގެ އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު އެމްޑަބްލިއުއެސްސީން ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް 28 މަޝްރޫޢެއް މުޅިން ނިމިފައިވާކަމަށް ޝާހު ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ނުނިނިހުރި 40 ރަށުގެ މަސައްކަތް ވީހާ އަވަހަށް ނިންމާލުމަށް ކަމަށެވެ.

ތަފާތު 31 ރަށެއްގައި ފެނާއި ނަރުދަމާއި ގުޅުންހުރި 68 މަޝްރޫޢުއެއް މި ކުންފުނިން ދަނީ ހިންގަމުން. އޭގެ ތެރެއިން 28 މަޝްރޫޢެއް މުޅިން ނިމި، ރައްޔިތުންނަށް އޭގެ މަންފާ އެދަނީ ކުރަމުން. ބާކީ 40 ރަށުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް މިވަނީ ނިންމާލެވިފައި. އެގޮތުން މިހާތަނަށް މި ދައުރުގައި ކޮށް ނިންމާލެވިފައިވާ މަސައްކަތުގެ އަގު 1 ބިލިއަން ރުފިޔާއަށް އަރާ. ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދުރުވިސްނޭ ސިޔާސަތުތަކާއެކު، އެމަނިކުފާނުގެ މި ޒަޢާމަތުގައި އެކުންފުނިން ގިނަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ދިގުދެމިގެން ދިޔަ ކޯވިޑު އާލަމީ ވަބާގެ ސަބަބުން ކުރިމަތިލާންޖެހުނު ބޮޑެތި ގޮންޖެހުންތަކާއެކުވެސް ތާރީޚީ ކުރިއެރުންތަކެއް މިވޭތުވެދިޔަ 4 އަހަރާއި ބައިގެ ތެރޭގައި ޙާޞިލުކުރެވި ފޮނި ނަތީޖާއެއް ނެރެވިފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ.

ޝާހު ވިދާޅުވީ، އެމް.ޑަބްލިއު.އެސް.ސީގެ ޚިދުމަތްތައް ފުޅާވެ، މަސައްކަތްތައް އެތައް ގުނައަކުން އިތުރުވެގެން ދިއުމުގެ ނަތީޖާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދިއުންކަމަށެވެ. އެގޮތުން އެމް.ޑަބްލިއު.އެސް.ސީގައި މި ވަގުތު 1247 މުވައްޒަފުން މަސައްކަތް ކުރަމުންދާކަމަށާއި، މިއީ 2018 އާއި އަޅާބަލާއިރު ދެގުނަ އިތުރު ޢަދަދެއްކަން ޝާހު ފާހަގަކުރެއްވިއެވެ. އަދި ކުންފުނީގެ ހިންގުމުގެ އިސް މަޤާމުތަކުގައި އަންހެނުންގެ ދައުރުވެސް ބޮޑުތަނުން އިތުރުކުރެވިފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.