ޚިޔާލު ފާޅުކުރުމުން ސަރުކާރުދޭ އިންޒާރަކަށް އަދި ބިރުދެއްކުމަކަށް ފަސްނުޖެހި، ހައްޤު ގޮތުގައި ރައްޔިތުން އަޑުއުފުލަމުންދާނެ ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ރައީސް ޢަބްދުﷲ ޔާމީންއަށް ކުރާ އަނިޔާ ހުއްޓާލުމަށާއި އަދި އެމަނިކުފާނަށް ނުޙައްޤުން އަނިޔާ ދެމުންދާތާ 365 ދުވަސް ވުމާގުޅިގެން "ރައީސް ޔާމީނަށް ކުރާ އަނިޔާއާއި ދެކޮޅަށް ރާއްޖެ" މި ނަމުގައ މުޅި ރާއްޖޭގައި ކުރިއަށްދިޔަ ސުލްޙަވެރި އިޙްތިޖާޖުގައި ބައިވެރިވި ނ. ލަންދޫ ސްކޫލްގައި ވަޒީފާ އަދާކުރާ އިބްރާހީމް ޢަބްދުއްލަޠީފް އާއި ޚާލިދު ޢަބްދުލް ކަރީމް 30 ދުވަހަށް ސަސްޕެންޑް ކުރި ކުރުން އިދިކޮޅު ކޯލިޝަނުން ކުށްވެރި ކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ބިރު ދައްކައި މީހުންގެ ހައްގުތައް ނިގުޅައި ގަތުމަށް ކޮށްފައިވާކަމެއްކަމަށެވެ.
ނޮވެމްބަރު 28 ވަނަ ދުވަހު މުޅިރާއްޖޭގައި ކުރިއަށް ދިޔަ ސުލްޙަވެރި އިޙްތިޖާޖަކީ ދުރާލާ އިޢުލާން ކުރެވިގެން "ރައީސް ޔާމީނަށް ކުރާ އަނިޔާއާއި ދެކޮޅަށް ރާއްޖެ" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދިޔަ އިޙްތިޖާޖެއް ކަމަށާއި، ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ސޮއިކުރައްވާފައިވާ ލިޔުމުގައި އެދުވަހުގެ މުޒާހަރާ ކުރިއަށް ގެންދިޔައީ "ރައީސުލްޖުމްހޫރިއްޔާ ދަންޖައްސާ މަރާލުމަށް" ކަމަށް އޮތުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި އެއީ ކޯލިޝަން ބަދުނާމުކޮށް ޙަޤީޤަތް އޮޅުވާލުމަށް ކޮށްފައިވާ ވަރަށް ދަށުދަރަޖައިގެ ހަޑިހުތުރު ޢަމަލެއްކަން ފާހަގަކޮށް، މިކަމާގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
މި ފުރުސަތުގައި ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ހަނދުމަފުޅުކޮށް އަރުވަން. ބިރުދެއްކުމާއި އިންޒާރަށް ފަސްނުޖެހި، ހައްޤު ގޮތުގައި ރައްޔިތުން އަޑުއުފުލަމުންދާނެ ވާހަކަވެސް ދަންނަވަން.
– އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް ސަރުކާރުން ހިންގަމުންދާ މިފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށް އިދިކޮޅު ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ހަމައެއާއެކު އެދުވަހުގެ އިޙްތިޖާޖުގައި ބައިވެރިވި ބައެއްކުންފުނި ތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ބައެއް ވަޒީފާތަކުގައި ތިބި ފަރާތްތަކަށް އިންޒާރުދީ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށްވެސް މައުލޫމާތު ލިބެމުންދާކަމަށެވެ. ނަމަވެސް ސުލްހަ ވެރިކަމާއިއެކު އިހުތިޖާޖު ކުރުމަކީ މީހުންނަށް އަނިޔާދީ ބިކަ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް މިބަޔާނުގައި ވެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި ކުރި މުޒާހަރާތަކުގައި އެތައް ބަޔަކު ނިކުމެ ބައިވެރި ވެފައިވާއިރު، ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނު ހުންނެނީ ޤައުމު ހައްގުގައި ކުޑަ ތަންކޮޅެއްވެސް ފަހަތައް ޖެހޭ ގޮތަކަށް ނޫންކަމަށެވެ. އަދި ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ސާބިތުވެ ތިއްބެވުމަށް އެމަނިކުފާނު ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ